Last Updated: June 25, 18:04
Wednesday, June 25, 2025
ޚަބަރު

މައުމޫން ސަރުކާރާ ޑީލެއް ނުހައްދަވާނެ: އަމީތު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަނިކުފާނު 10 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު ކަމުގައިވިޔަސް ރައްޔިތުން ގުރުބާންކޮށް ސަރުކާރާ ޑީލެއް ހަދައިގެން އެނބުރި ގެޔަށް ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ ރައީސް މައުމޫނު ހައްޔަރު ކުރެވުނުތާ 6 މަސް ވުމާއިގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދޭތެރެ ދޭތެރެއިން ރައީސް މައުމޫނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށް އަމީތު ވިދާޅުވިއެވެ. ރައީސް މައުމޫނާއި، ފާރިސް މައުމޫނާއި ނަދީމް އަށްވެސް ޖަލުން ނުކުމެވަޑައިގެން ގެޔަށް ވަޑައިގަތުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

އަނިޔާވެރި ސަރުކާރުގެ އަތުގަ ހިފައިގެން ރައްޔިތުންނަށް އޮޅުވާލައި ގައުމު ގުރުބާން ކޮށްލުމަށްފަހު ޖަލުން ނިކުމެވަޑައިގެން އަމިއްލަ އުފަލާ އަރާމު އިސްކުރެއްވުމަކީ ރައީސް މައުމޫނު ކުރައްވާނެ ކަމެއް ނޫންކަމަށް އަމީތު ވިދާޅުވިއެވެ. އަދި އެކަން އެހެން ކުރެވިދާނެ ކަމަށް އުންމީދު ކުރައްވައި އަދުގެ ސަރުކާރުން ކުރަމުންގެންދާ ހުރިހާ މަސައްކަތަކީ ބޭކާރު މަސައްކަތް ތަކެއްކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރައީސް މައުމޫނަށް ނުހައްގުން ލިބެމުންދާ އަނިޔާތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމިނަށް ކާމިޔާބު ކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއިރު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންއަށް ވެރިކަން ހޯދައިދިނުމުގެ މަސައްކަތުގައި އުޅުއްވިއިރު ރައީސް މައުމޫން ވަނީ މިގައުމުގެ ސަރުކާރު ހަމަމަގުން ނެއްޓޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ގައުމު ހަމަމަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށް އަމީތު ވިދާޅުވިއެވެ.

އަދި އަމީތު ވިދާޅުވީ ރައީސް މައުމޫނަށް ނުހައްގުން ލިބެމުންދާ އަނިޔާތަކަކީ ވެވަޑައިގެންނެވި އެ ވައުދު ފުއްދުމަށް ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާކަމަށެވެ.