Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

މައުމޫންގެ ހިތްވަރަށް ގާސިމްގެ ޝުކުރު

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހިތްވަރަށް ޝުކުރު ދަންނަވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ޝުކުރު ދަންނަވާފައިވަނީ މިރޭ އެ ބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ގާސިމް ވިދާޅުވީ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގަ 30 އަހަރު ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އުމުރުފުޅުން 82 އަހަރުގަ ނުހައްގުން ޖަލު ބަންދުގަ ހުރުމަކީ ލަދުވެތިކަމެއް. ރައީސް މައުމޫންގެ ހިތްވަރަށް ޝުކުރު ދަންނަވަން. ސިޔާސީ ހައްޔަރީން މިނިވަން ކުރަންޖެހޭ" މިފަދައިންނެވެ.

ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 180 ދުވަސް ވެފައިވާއިރު އެ މަނިކުފާނުގެ ބަންދާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއަދު ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ވަނީ ކުރެއްވި ޓްވީޓެއްްގައި ބައްޕާފުޅު ނެތި 180 ދުވަސް ވެއްޖެ ކަމަށާއި ކޮންމެ ދުވަހަކުވެސް އުފާވެރި ޚަބަރެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ކަމަނާގެ ބައްޕާފުޅު އަވަހަށް ގެޔަށް ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.