އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބު ލަސްކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި ދުވަހަށް އިންތިހާބު ބޭއްވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ތ. ވިލުފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އިންތިހާބުގެ ވޯޓު އޮޅުވާލުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިހާރުވެސް އެކަން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރަށް ހާސިލްވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އިބޫ ވަނީ އަރުވާފައެވެ.
23 ސެޕްޓެމްބަރުގައި ލާން ނިންމައި އިއުލާންކޮށްފައިވާ އިންތިހާބު އިރާދަކުރެއްވިއްޔާ ހަމަ އެ ދުވަހަށް ޖެހޭނީ ބާއްވަން ކަމަށާއި އަދި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ހަމަ އެގޮތަށް ޖެހޭނީ އިއުލާން ކުރަން ޖެހެ އިބޫ ވިދާޅުވި އެވެ.
އެ ދުވަހު ރައީސް އަބްދުﷲ ޔާމީން ޖެހިވަޑައިގަންނަވާނީ ބަލި ގަބޫލު ކުރައްވައި ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ރާއްޖެއަށް ނުރައްކަލެއް އޮތް ކަމުގެ ވާހަކަ ސަރުކާރުން ދައްކަމުން ދަނީ އިންތިހާބު ލަސްކުރުމަށް ނޫން އެހެން ސަބަބެއް އޮވެގެން ނޫން ކަމަށް ވެސް އިބޫ މިއަދު ހެނދުނު ވަނީ ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވީ، އެގޮތަށް ދައްކާ ބިރަކަށް ފަހަތައް ނުޖެހޭނެ ކަމަށާއި ރާއްޖެއަށް ބިރެއް އޮތް ކަމަށްވާނަމަ ރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށްވާނަމަ އެންމެ ފުރަތަމަ އިސްވެ ތެދުވާނީ އިދިކޮޅު ފަރާތްތައް ކަމަށެވެ.
އިންތިހާބު ދެކެ ބިރުން ސަރުކާރުން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިނަމަވެސް، އެއީ ދޮގެއްކަމަށާއި، އިންތިހާބުދެކެ ބިރުން ސަރުކާރާއި، ޕީޕީއެމް ނޫޅޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އިއްޔެ ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެ އެފަދަ ނިންމުމެއް ނިންމައިފިނަމަ ޕީޕީއެމުން އެފަދަ ނިންމުމަކާއި ދޭތެރޭ ކުރާނެ ކަމެއް ނޯންނާނެކަމަށެވެ. އެފަދަ ހާލަތު މެދުވެރި ވެއްޖެއްޔާ އެކަން އެނގޭނީ އެ ބޭފުޅުންނަށް އެކަންޏެއް ނޫން ކަމަށާއި ރައްޔިތުންނަށް ވެސް އެއީ ކިހާ ވަރެއްގެ ހާލަތެއްކަން އެނގޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ބޭނުންވަނީ 23 ސެޕްޓެމްބަރުގައި އިންތިޚާބު ބާއްވަން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.