Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފުލުހުންގެ ދެކުނުގެ އާ ކޮމާންޑަރަކަށް އަޒްހާން

އައްޑުއަކީ އަމާން ތަނކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އައްޑޫ ކައުންސިލާއި ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު ސްޕްރިޓެންޑަންޓް އޮފް ޕޮލިސް އަޙުމަދު އަޒްހާން މަޝްވަރާކޮށްފި އެވެ.

މި ބައްދަލުވުމަކީ ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރަކަށް އޭނާ ހަމަޖެއްސުމާ އެކު އައްޑޫ ސިޓީ ކައުންސިލާއިއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި އަޒްހާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ މި ދަނޑިވަޅުގައި އައްޑޫގައި ފުލުހުންގެ ޙަރަކާތްތައް އިތުރު ކުރާނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް އައްޑޫ ސިޓީގައި ސްޕެޝަލް އޮޕެރޭޝަންސް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒްހާން ވިދާޅުވީ މި ދުވަސްވަރަކީ އައްޑޫގައި ކުށްކުރުން ގިނަ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެކަންކަން ހުއްޓުވުމަށް ވެސް ފުލުހުން ޚާއްސަ އޮޕަރޭޝަންސްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލާއި ޕޮލިހާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި އެ ބޭފުޅާގެ ދައުރުގައި މިގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަޒުހާން ދެކުނުގެ ކޮމާންޑަރަކަށް ހަމަޖެއްސީ ކުރިން ސައުތު ޑިވިޝަން ކޮމާންޑަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އަޙްމަދު ސާމީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.