Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޑިފެންސް މިނިސްޓަރު 241 ކޮމިޓީ އަށް ހާޒިރު ކުރަނީ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް މެދުވެރިކޮށް ގައުމުގެ އަމާންކަން ނަގާލުމަށް ރާވަމުންދާ ކަމަށް ބުނެ ސިފައިންނާއި ފުލުހުން އެލާޓަށް ގެނެސް، އެކަމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހާ ހިއްސާ ނުކުރާތީ މިނިސްޓަރު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު ސޮއިކޮށް، ކޮމިޓީގެ މުގައްރިރު، ކެނޑިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގެ އަމަން އަމާންކަމާމެދު ސުވާލު އުފައްދައި ފޭސްބުކް ޕޭޖު މެދުވެރިކޮށް އެކަން އިއުލާން ކުރުމަކީ ވަރަށް ޒިންމާދާރު އަމަލެއް ކަމަށެވެ.

އަދި އެފަދަ އަމަލެއް އެމަނިކުފާނު ކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މިނިސްޓަރު އާދަމް ޝަރީފް ކޮމިޓީއަށް ހާޒިރުކޮށް، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވެއެވެ.

މިސިޓީ އަލީ މައުރޫފަށް ފޮނުވާފައިވަނީ މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަކުނުދޫ ދާއިރާގ މެމްބަރު އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ސޮއިކުރައްވާފައެވެ.