Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

"އެއްވެސް ވިޔަފާރިވެރިއަކަށް ފިޔަވަޅު އެޅިޔަކަ ނުދޭނަން"

ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން އުޅޭ ކަމަށް ބިރު ދައްކައިގެން، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެއްވެސް ވިޔަފާރިވެރިއަކާ މެދު ފިޔަވަޅު އެޅިޔަކަ ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އީޔޫ ގައި އަދި ސިޔާސީ މަޝްވަރާ ގައި، މި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބަކީ ޑރ. ޝައިނީއެވެ. ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އެޅުމާގުޅޭ ގޮތުން އީޔޫން ފާސްކުރި އޮނިގަނޑުގައި، ބައެއް ވިޔަފާރިވެރިން ހިމެނޭ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށެވެ. އެކަމަކު، ފާސްކުރެވުނު އެ އޮނިގަނޑުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނާފައި ނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވިޔަފާރިވެރިންނަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅޭ ކަމަށް ޝައިނީ ތުހުމަތު ކުރެއްވިއެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ބިރުދައްކާ ވިޔަފާރިވެރިންނަކީ ކޮން ބައެއް ކަމެއް ވެސް ޝައިނީ ވިދާޅެއް ނުވެ އެވެ.

އެއްވެސް، ރައްޔިތަކަށް އަދި ވިޔަފާރިވެރިއަކަށް ވެސް ފިޔަވަޅު އެޅިޔަ ނުދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި، އަދި އީޔޫ އިން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް، ކަމަށް ޑރ.ޝައިނީ އޮންލައިން ނޫސް "މިހާރު" އަށް ވިދާޅުވެފައިވާ ކަމަށް އެނޫހުން ރިޕޯޓް ކުރެއެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާ ވަކި ބައެއްގެ ނަން ނުހިމަނައި، އީޔޫން ފާސްކޮށްފައިވާ އޮނިގަނޑުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނުތަކާ ޚިލާފަށް އަދި ހަމަނުޖެހުން އުފައްދައި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދޭ ފަރުދުންނަށް ފިޔަވަޅު އެޅުމުގެ ބާރު މެންބަރު ގައުމުތަކަށް ދީފަ އެވެ.

މި ފަރާތްތަކަށް، އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން އީޔޫ އިން ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އަންގާ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.