Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

ނުރައްކާ އެފްބީގައި ލިޔުނީ އެންމެންނަށް އަންގަން: ޝަރީފް

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފޭސްބުކް ގައި އާންމު ކުރެއްވީ ހުރިހާ "ކުލައެއްގެ މީހުންނަށް" އެ ކަން ހިއްސާ ކުރަން ބޭނުން ވާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވީ ޕީޕީއެމުން ރ. އުނގޫފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކަން އިތުރު ކުރުމަށް ބަޔަކު ރާވަމުންދާ ވާހަކަ ފޭސްބުކް ގައި ހިއްސާ ކުރެއްވީ އެންމެ ގިނަ މީހުންނަށް މައުލޫމާތު ފޯރާނެ އެއް ވަސީލަތަކީ ސޯޝަލް މީޑިއާ ކަމަށް ވާތީ ކަމަށެވެ.

ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކަތަކެއް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާ މުއައްސަސާ ތަކާއި ހިއްސާ ނުކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް ގައި އާންމު ކުރެއްވުމުން އެތައް ބައެއްގެ ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި، އާދަމް ޝަރީފް ރޭ ވަނީ މޮޅެތި ބަސްތަކެއް ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ އެ ވާހަކަތައް ހިއްސާ ކުރުމާ އެކު، ބައެއް މީހުން "ފަޔަށް ރެވި ތެޔޮ އެޅުނީމަ" އުޅޭ ކަހަލަ ގޮތަކަށާއި "ގިނި ދުށް މީހާ ރަތް މަލަށް ބިރުގަންނާނެ އޭ" ބުނާ އުސޫލުން އުޅެމުންދާ ކަމަށެވެ.

އަދި އެ ވާހަކަ ފޭސްބުކްގައި އާންމު ކުރެއްވުމުން، ތަފާތު ޝުއޫރުތައް ފާޅުކުރައްވައި، އެބޭފުޅާއަށް ހިތްވަރު ދެއްވި ހުރިހާ އެންމެންނަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބަޔަކު ކަންތައްތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި އޮތަސް، އެކަމުގެ ސަބަބުން ގައުމު ނުރައްކަލުގެ ހާލަތަކަށް ހުށަހެޅިގެން ނުދާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ދިވެހި ސިފައިން ތިއްބެވީ ގައުމަށް ދިމާވެދާނެ ކަމަކަށް ހުޝިޔާރުވެގެން ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެކަމަކުން ސާލަމަތްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް، އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީން ކަން ވެސް ޑިފެންސް މިނިސްޓަރު ދެއްވި އެވެ. އަދި ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތެއް، ވަގުތާއި ހާލަތު އައީމާ ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު ސޮއިކޮށް، ކޮމިޓީގެ މުގައްރިރު، ކެނޑިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށް ފޮނުވި ސިޓީއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް މެދުވެރިކޮށް ގައުމުގެ އަމާންކަން ނަގާލުމަށް ރާވަމުންދާ ކަމަށް ބުނެ ސިފައިންނާއި ފުލުހުން އެލާޓަށް ގެނެސް، އެކަމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހާ ހިއްސާ ނުކުރާތީ މިނިސްޓަރު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ އެދިފައެވެ.

ރޭ ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވަނީ އެ ބޭފުޅާ ނުދައްކާ ވާހަކައެއް ތަރުޖަމާ ކޮށްފައި އިންތިހާބު ފަސްކުރާ ވާހަކަ ދައްކަނީ ސަރުކާރުން ކޮންކަމެއް އިންތިހާބު ފަސްކުރަން ކޮށްގެންތޯ ނުވަތަ ތިމާމެން އަމިއްލަ އަށް އިންތިހާބު ފަސްކުރަން ކޮންމެވެސް މަގްސަދެއް އޮވެގެން ކުރަމުންދަނީތޯ؟ ސުވާލު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެބޭފުޅާގެ އަޒުމަކީ، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ބޮޑު ތަފާތަކުން އިންތިޚާބު ކޮށްދިނުމެވެ.