Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ކަނޑުގެ ކުދި އުޅަނދުތަކުގެ އަހަރީ ފީ މާފުކޮށް ދީފި

ކަނޑުގައި ދުއްވާ ކުދި އުޅަނދުތަކުގެ އަހަރީ ފީ އާއި، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ބައެއް ފައިސާ އާއި، ބޮއްކުރާ، ކުދިދޯނި އަދި ބޮޑެތި އުޅަނދުގެ ރަޖިސްޓްރީ ބާޠިލު ނުކުރެވި ދިއުމުން ދައްކަންޖެހިފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރުމަށް ރަޖިސްޓްރީ ކުރެވޭ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން 09 މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދިދޯނި ފަހަރުގެ އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

މިގޮތަށް ނިންމަވާފައި ވަނީ ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާތީ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އިސްތިސްނާ ކުރެވޭ ކަނޑުގެ އުޅަނދުތަކުން އަހަރީ ފީ ނުދެއްކިގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އާއި، އެކި ސަބަބުތަކާއިހުރެ ގެއްލިފައިވާ ނުވަތަ ނެތިގޮސްފައިވާ ބޮއްކުރާ، ކުދިދޯނި އަދި ބޮޑެތި އުޅަނދުގެ ރަޖިސްޓްރީ ބާތިލް ނުކުރެވި ދިއުމުން ދައްކަން ޖެހިފައިވާ ޖޫރިމަނާވެސް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާފުކޮށްދިނުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ނިންމެވިއިރު، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ އިއްތިހާދުގެ ވެރިކަމެއްގައި މި އުޅަނދުތަކުގެ އަހަރީ ފީ ކުޑަކުރައްވާނެ ކަމަށެވެ.