Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ރައީސްގެ ހަމްދަރުދީގެ މެސެޖެއް އިންޑޮނީޝިއާގެ ރައީސަށް

އިންޑޮނީޝިއާގެ ބާލީ އަދި ލަމްބާކް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާގެ ގިނަ ސަރަޙައްދުތަކަށް ވަނީ ސުނާމީ އެލާޓެއް ވެސް ނެރެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންލެހުން އައިސްފައި ވަނީ ބިމުގެ 6.5 މޭލު އަޑިންނެވެ.

ނިމިގެންދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ވެސް އިންޑޮނޭޝިއާގެ ލޮމްބޮކް އަށް އައި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 16 މީހުން މަރުވެ، 1،400 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ.

އިންޑޮނޭޝިއާ އަކީ ބިންހެލުން އައުން ވަރަށް އާންމު ޤައުމެކެވެ. 2004 ވަނަ އަހަރު އެޤައުމުގެ ސުމަޓްރާ އަށް އައި 9.1 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ސަބަބުން އެރި ސުނާމީގައި ދުނިޔޭގެ އެކި ޤައުމްތަކުން 230،000 މީހުން ވަނީ މަރުވެފައެވެ.