ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް މިހާތަނަށް 37،000 މީހުން ރީ-ރެޖިސްޓާ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް އާއި ހަވާލާދީ "ސަން" އިން ރިޕޯޓް ކުރާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓާ ވެފައިވާ މީހުންގެ އަދަދު ވަނީ 37،000 އަށް އަރާފައެވެ.
އަކްރަމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީ ކުރި ވަރަށްވުރެ މި ފަހަރު ރެޖިސްޓްރީ ކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަަފާކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ 60،000 އާއި 70،000 އާއި ދެމެދުގެ އަދަދަކަށް މި ފަހަރުގެ އިންތިޚާބަށް ވެސް މީހުން ރީ-ރަޖިސްޓާ ކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 260،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، ރީ-ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚާކީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު އެވެ.