ބޮލީވުޑްގެ ބަތަލާއިންތަކަކާ އެކު ސީރިއަސް ލޯބީގެ ގުޅުންތަކެއް ބޭއްވި ނަމަވެސް މިހާތަަނަށް ކައިވެންޏަކާ ހަމައަށް ދެވިފައި ނުވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން އާއި ރޮމޭނިއާގެ އަންހެން ކުއްޖަކާ ދެމެދު "އަޑި ނޭނގޭ ހާއްސަ ގުޅުންތަކެއް" ހިނގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ދިރިއުޅޭ ބަންދްރާގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ސަލްމާނާ އެކު ފެންނަމުން އަންނަ ބްލޮންޑް އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖަކީ ރޮމޭނިއާގެ ޓީވީ އެކްޓްރެސްއެއް ކަމަށްވާ އިއުލިއާ ވެންތޫރު އެވެ. އަދި އޭނާ އިންޑިއާގައި އުޅޭތާ ވެސް ދުވަސްތަކެއްވެފައިވާ ކަމަށްވެ އެވެ.
އަދި ސަލްމާނާއި އޭނާ އާ ދިމާވީ ބޭރަށް ކުރި ދަތުރެއްގައި މީގެ ދެ އަހަރު ކުރިން ކަމަށާއި ދެ މީހުންގެ މެދުގައި "ހާއްސަ ގުޅުމެއް" ހިނގަމުން އަންނަތާ މިހާރު އަހަރެެއްހާ ދުވަސްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސަލްމާާނާއި އިއުލިއާ ގުޅުމާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނަ އިރު، ސަލްމާންގެ "ބީން ހިއުމަން" ފައުންޑޭޝަންގެ ޓީޝަޓާ އެކު އިއުލިއާ ޕޯޒްކޮށްފައިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން އިއުލިއާ ބޮލީވުޑަށް ތައާރަފު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އުމުރުން 47 އަހަރުގެ ސަލްމާން އެންމެ ފަހުން ރައްޓެހިވެގެން އުޅުނު ކެޓްރީނާ ކެއިފް އާ އެވެ. އޭގެ ކުރިން އޭނާ ވަނީ ސަންގީތާ ބިޖިލާނީ، ސޯމީ އަލީ އަދި އައިޝްވާރިއާ ރާއީ އާ އެކު ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވާފަ އެވެ.