Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

"ހިޔާ އެކޮމްޕްލިޝްޑް" އަށް ކުރިމަތިލާން ހުޅުވާލަނީ

ހުޅުމާލެ ތަރައްޤީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް – ފޮޓޯ: އެޗްޑީސީ

"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލެ 2 ގައި 1000 އަކަފޫޓުގެ ފުލެޓު އަދި ކ.ފުށިދިއްގަރު ހިއްކައިގެން ތަރައްޤީ ކުރާ ބިމުން 1000 އަކަފޫޓުގެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިމަޝްރޫޢުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފުލެޓާއި ބިމަށް ކުރިމަތިލުމަށް އެދޭ ފޯމު، ހައުސިން މިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މީގެ އިތުރުން މޯލްޑްވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހާއި ވެލާނާގޭ ޕޯސްޓް ޝޮޕުން ލިބޭން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކަމަށެވެ.

"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢުގެ ދަށުން 82،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.