Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އިއްތިހާދުގެ ވެރިކަމެއްގައި ޚަޒާނާ ރައްކާތެރި ކުރާނެ: އިންތި

ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ: ފޮޓޯ - އެމްޑީޕީ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކޮށްފިނަމަ ރާއްޖޭގެ ބައިތުލްމާލު ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ތ. ތިމަރަފުށީގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ރައީސް ޔާމީނަކީ ހައްޔަރުކޮށް، ޖިނާއީ ތަހުގީގެއް ހިންގަން ޖެހިފައިވާ ބޭފުޅެއް ކަމަށާއި މިއިންތިޚާބުގެ ކުރިންވެސް ޔާމީން ހައްޔަރުކޮށް ދައުވާ ކުރަން ޖެހޭ ކަމަށެވެ.

އަދި އެފަދަ ބޮޑު ވައްކަމެއްގެ ތުހުމަތު ބޮލުގައި އެޅުވިފައިވާ ފަރާތަކުން ރައްޔިތުންގެ އަރިހަށް ވަޑައިގަނެ، އަދިވެސް ތިމަން މަނިކުފާނަށް ވޯޓު ދެއްވުމަށް ގޮވާލާތީ މާތް ރަސްކަލާނގެ ކިބަފުޅުން ބާވައިލައްވަފާނެ ކޯފާއަކަށް ބިރުވެތިވާ ކަމަށް އިންތި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ވަދެފައިވަނީ ހަލާލު ފައިސާ ނޫން ކަމަށް އަމިއްލަފުޅަށް އެއްބަސްވެފައިވާ އިރުވެސް އެމަނިކުފާނު ރަށް ރަށަށް ވަޑައިގެން ވޯޓު ހޯއްދެވުމަށް ވިދާޅުވާތީ ހިތާމަ ކުރައްވާ ކަމަށާއި ރައްޔިތުން އެކަމާ މެދު ފުންކޮށް ވިސްނައި، އެފަދަ ދެވަނަ ޚިޔާނަތަކަށް ފުރުސަތު ނުދިނުމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އިންތި ވަނީ ގޮވާލާފައެވެ.

އިބޫ ވަނީ މިއަދު ކެމްޕޭނު ޖަލްސާއެއްގައި އޭނާ ހޮވައިފިނަމަ ދައުލަތުގެ ޚަޒާނާއިން އެންމެ ބައި ލޯ ލާރިއެއްގައި ވެސް ނުޖެހޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.