އިދިކޮޅު އިއްތިހާދުގެ ލީޑަރުންގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތައް ނައްޓަނީ ރައީސް ޔާމީނަށް ތާއީދެއް ނެތުމުން ކުރާ އަސަރެއްގެ ބޮޑު ކަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ރޭ ތ. ތިމަރަފުށީގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އިދިކޮޅު ލީޑަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ތާއީދު ބޮޑުކަމުން، ރައީސް ޔާމީނަށް ކުރާ އަސަރެއްގެ ބޮޑު ކަމުން ޕޯސްޓަރުތައް ނައްޓައި، ގެއްލުން ދެމުން އަންނަ ކަމަށެވެ.
އަދި އިދިކޮޅު ލީޑަރުންނަށް ލިބޭ ތާއީދު އެމަނިކުފާނަށް ދުވަހަކުވެސް ނުލިބޭނެ ކަމަށާއި އެކަން އިހުސާސް ވުމުން ދެން ކުރާނީ ޕޯސްޓަރުތަކާއި ތަކެއްޗަށް ގެއްލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓީޝާޓުގައި ތިބި ބަޔަކު އިދިކޮޅު ފަރާތްތަކުން ހަރުކޮށްފައިވާ ޕޯސްޓަރުތަކަށް ގެއްލުން ދީ ނައްޓަމުންދާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެގެން ގޮސްފައެވެ. އިދިކޮޅު ލީޑަރުންގެ ތެރޭގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ލީޑަރުންގެ ފޮޓޯތައް ބޭނުން ނުކުރުމަށް ފުލުހުން ވަނީ މީގެ ކުރިން އިންޒާރު ވެސް ދީފައެވެ.