Last Updated: May 18, 17:52
Saturday, May 18, 2024
ޚަބަރު

ސަރުކާރުގެ ދިފާއުގައި ބޮޑެތި ބައެއް ވިޔަފާރިވެރިން ތެދުވެއްޖެ

ޗަމްޕާ އަފީފު އަދި އެމްޔޫ މަނިކު، ދެ ބޭފުޅުންވެސް ވަނީ ސަރުކާރަށް ތައުރީފު ކުރައްވާފައި، ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަދުވަސް ކޮޅަކަށްވެފައި ވަނިކޮށް ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިންތަކެއް މި ސަރުކާރުގެ ދިފާއިގައި ތެދުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްއިން ރޭ ގެނެސްދިން "މައި ނޭޝަން، މައި ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން ހުސައިން އަފީފާއި، ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރުގެ އިތުރުން ހޮޓެލް އެންޑް ރިސޯޓް ކަންސްޓްރަކްޝަން، އެޗްއާރުސީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވައި މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ތައުރީފު ކުރައްވާފައެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެއާމަންކަންވެސް ކުރައްވަމުން އަންނަ އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ މައި ދޮރޯށި ބޭރު މީހެއްގެ އަތަށް ދޭން ހެޔޮ ނުވާނެކަމަށާއި، އިންޑިއާގެ ޖީއެމްއާރްއަށް އެއާޕޯޓު ތަރައްޤީ ކުރުމަށް ދިނުމުން އެކުންފުނިން އެކުންފުނިން ކުޑަމިނުން ރަންވޭ ބޮޑު ކުރަން ނިންމާފައި ނުވާ ކަމަށެވެ.

މަނިކު ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓްގައި އަޅަން އުޅުނީ ޕަސެންޖާ ޓާމިނަލެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓު ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫއެއް ހިންގަމުން އަންނަ އިރު އަމާޒަކީ ހަތް މިލިއަން މީހުންގެ ކެޕޭސިޓީއަށް އެއާޕޯޓު ތަރައްޤީ ކުރުން ކަމަށެވެ.

ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރު ވިދާޅުވީ މިހާތަނަށް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލިފަހުން އެކުންފުންޏަށް 400 މިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާ ކަމަށެވެ. ނަޒީރުވެސް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރާއްޖޭގެ އިގްތިސާދު ހަމައަކަށް އަޅުވައި، ޑޮލަރު ރިޒާވު އިތުރުކޮށް އިންފްލޭޝަން ހިފެހެއްޓުމަށް ގިނަ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ ޖަނާވެސް ވަނީ ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.

ރޭގެ ޑިސްކަޝަންގައި ރާއްޖޭގެ އެންމެ ބޮޑު ހަތަރު ވިޔަފާރިވެރިން ސަރުކާރަށް ސަނާ ކިޔާފައިވާ އިރު މި ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިންނަށް އީޔޫއިން ފިޔަވަޅު އަޅާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެވާހަކަތަކަށް ރައްދު ދެއްވައި ފިޝަރީޒް މިނިސްޓަރ ޝައިނީ ވިދާޅުވީ ސަރުކާރުން އެއްްވެސް ވިޔަފާރިވެރިއަކަށް ފިޔަވަޅު އެޅިއަކަ ނުދޭނެކަމަށެވެ.