ރައީސް އަބްދުﷲ ޔާމީން ވަނީ ގާނޫނު އަސާސީ އާއި ގަނޫނުތަކުގެ މައްޗަށް ގަދަވެގަނެ، ހުރިހާ ގޮތަކުން ގާނޫނު އަސާސީ ދެރަކޮށް ނިކަމެތިކޮށްލާފަ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަން ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އިބޫ ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ގާނޫނު އަސާސީއަށް 10 އަހަރު ފުރުން ފާހަގަކުރާއިރު، އެ ގާނޫނު އަސާސީ ނެގެހެއްޓުމުގެ ފުރިހަމަ ޒިންމާ ކޮނޑުއަޅައިގެން ހުންނެވި ރައީސް ވަނީ އެ ގާނޫނު އަސާސީގައި ހިމެނޭ 13 ބާބުގެ ތެރެއިން އެންމެ ބާބެއް ވެސް އުނި ނުކޮށް، މުޅި ގާނޫނު އަސާސީއަށް ގޮންޖަހައި އެއާ ހިލާފުވެފައި ކަމަށެވެ.
އެންމެ ކުޑަމިނުން ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ހުވަޔާ ވެސް އެމަނިކުފާނު ހިލާފުވެފައިވާކަމަށް އިބޫ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ބާބުތަކަށް އިޝާރާތް ކުރައްވާ އިބޫ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޖުޑިޝަރީގެ ހާލަތަށް ބައްލަވާ އޭނާ ވިދާޅުވީ ޖުޑިޝަރީގެ ވާހަކަ ދައްކާކަށް ނުޖެހޭ ކަމަށެވެ. އިންސާފުން ޝަރީއަތެއް ނުހިނގާ ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ނިގުޅައިގެންފައިކަމަށް އިބޫ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ހަތަރު ވަނަ ބާބާއި ފަސް ވަނަ ބާބަށް ބައްލަވާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަށް ހަމަ އެކަނި ފެނިވަޑައިގަންނަވަނީ އެ ބާބުގެ ތެރޭގައި ހިމެނޭ 15 ވަނަ މާއްދާ އެކަނި ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ލިބިވަޑައިގެންފައިވާ ބާރުތައް އެކަނި ކަމަށާއި ޒިންމާތައް ފެނިވަޑައެއް ނުގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދެއް އެންމެ ފުރަތަމަ އުފެދިގެން އައީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށެވެ. އަދިވެސް ކުރަމުން ދަނީ އެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބު ކުރާނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ.
އިތުރަށް ޤާނޫނު އަސާސީއަށް އަލިއަޅުއްވާލައްވާ އިބޫ ވިދާޅުވީ ޤާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގެ 15 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ވެރިކަން ކުރަންވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއް ގޮތަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ގާނޫނުތައް ނަގަހައްޓަން ޖެހޭނެ ކަމަށާއި އަދި އެއާ ހިލާފުވާ މުއައްސަސާތައް ބަލައި ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ވެސް ލިޔެފައިވާ ކަމަށެވެ. ނަމަވެސް ފެންނަނީ އެ މާއްދާގެ ހަމަ އެކަނި އެންމެ ލަފްޒެއްގައި ހިއްޕަވައިގެން ރައީސް ވެރިކަންކުރަމުން ގެންދަވާތަން ކަމަށް ވެސް އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ކުރައްވައިގެން ހުންނެވި ހުވަޔާ ވެސް ހިލާފު ވެފައި ކަމަށެވެ.
ރޭގެ ޖަލްސާގައި އިބޫ ވަނީ، އެމަނިކުފާނުގެ ވެރިކަމެއް އައިސްފިނަމަ ތިމަރަފުއްޓާއި އަތޮޅުގެ ޓޫރިޒަމް ފުޅާކުރަން މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެރަށުގެ މަގުތައް ހެދުމާއި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ފެރީގެ ނިޒާމްވެސް ހަރުދަނާކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.