Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

ސިވިލް ސާވެންޓުންނަށް މަޖުބޫރު ކުރާ މައްސަލަ ސީއެސްސީއަށް

ފޮޓޯ: ދަޕްރެސް

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރަމުންދާ ސިވިލް ސަރވިސް މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ރީ ރަޖިސްޓްރޭޝަން ފޯމު ފުރުވައި، އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފުގެ އިތުރުން، އެމްއާރުއެމްގެ މެންބަރު އައިމިނަތު ނާދިރާ ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އިއްޔެ ސީއެސްސީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ސީއެސްސީގެ ރައީސް އަލީ ޝަމީމްގެ އިތުރުން އެ ކޮމިޝަންގެ އެހެން މެންބަރުން ވެސް ބައިވެރިވެޑައިގެންފިއެވެ.

މިކަމާ ގުޅިގެން އައިމިނަތު ނާދިރާ ވަނީ ކޯލިޝަންގެ ސިޔާސީ ޕާޓީތަކުން ސީއެސްސީއަށް އިއްޔެ ހުށަހެޅި މައިގަނޑު މައްސަލައަށް ބައްލަވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން މައިގަނޑު ކަންބޮޑުވުންތަކަކީ ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރުމަށާއި، އޮފީސްތައް މެދުވެރިކޮށް ފުރުވާފައިވާ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަން ފޯމުތައް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ގޮސްފައި ނުވާ މައްސަލަ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވާ އަންނަ މަހުގެ 23 ވަނަ ދުވަސް އަދި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ މައްސަލަ ވެސް ހުށަހަޅުއްވާފައިވާނޭ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.

އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަން ފޯމުތައް މަޖުބޫރުކޮށްގެން ފުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ވާހަކަ ސަރުކާރުންނާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ރީ ރަޖިސްޓާ ވަމުން ދަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. އަދި އޮފީސްތަކުން އެ މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ ފުރުސަތު ފަހި ކުރުމަށް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މިހާތަނަށް 37000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮންމެ ރައްޔިތަކުވެސް އެމީހަކު ވޯޓްލާން ޖެހޭތަން ބަލާ ރަޖިސްޓްރީ ވެފައިވޭތޯ ޗެކް ކުރެއްވުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ފަރުދީ ޒިންމާ ކޮންމެ ފަރުދަކުވެސް އަދާކުރައްވާ ކަމުގައި ވާނަމަ ކަންތައްތަކުގައި މައްސަލަ ބޮޑުނުވެ ކުރިޔަށް ދެވޭނެއެވެ.