Last Updated: April 23, 20:04
Tuesday, April 23, 2024
ރިޕޯޓް

ކޮފީ: ބަލިވެއިންނަން ހުރަސް އަޅާތަ؟

ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އެޅުން ނުވަތަ ފުރުޞަތު ކުޑަކުރުން ބިނާވެގެންވަނީ ކޮފީ ބޯމިންވަރެއްގެ މައްޗަށެވެ. ކޮފީ ބުއިމުން ގެއްލުން ލިބެނީ އޭގައި ހުންނަ މާއްދާއެއްކަމަށްވާ ކެފެއިންގެ ސަބަބުންނެވެ.

ކޮފީއާއި ނުލާ ބައެއް ފަރާތްތަކަށް އެމީހުންގެ ދިރިއުޅުން ފުރިހަމަ ނުވާ ކަހަލައެވެ. ކޮފީއެއް ބޮއިގެން ހަށިގަނޑު ތާޒާވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މަސައްކަތުގެ މާހައުލުގައި ދިރިއުޅޭ ފަރާތްތައް ކޮފީ ބުއިމުން ސިކުނޑިއަށް ފަސޭހަވެ މަސައްކަތަށް ހަލުވިކަން އަންނަކަމަށް ބުނެއެވެ. ކިޔަވާ ކުދިން ކޮފީ ބުއިމުން ފިލާވަޅު ފަސޭހައިން ދަސްވާ ކަމަށް ބުނާ ވާހަކަތަކަކީ މިހާރަކަށް އައިސް ވަރަށް އާއްމު ވާހަކަ ތަަކެކެވެ.

ބަލިވެއިނުމަށް ހުރަސްތައް ދިމާވާ އަންހެނުން ފަހަކަށް އައިސް ވަރަށް ގިނައެވެ. އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު ބުނާ އިިރުވެސް ދަރިއަކު ނުލިބި އަހަރުތަކެއް ހޭދަ ކުރަންޖެހޭތަން އާދެއެވެ. ބަލިވެއިނުމަށް ތަފާތު ކަންތައް ހުރަސް އަޅައެވެ. އެހެން ނަމަވެސް މި ލިޔުމުގައި ބަލާލަން ބޭނުންވަނީ ދިވެހިންގެ ވެސް އާންމު ބުއިމެއް ކަމަށްވާ ކޮފީއިން ބަލިވެއިނުމަށް ހުރަސްއެޅޭ މިންވަރަށެވެ.

ދުވާލަކު 300 މިލިގުރާމަށްވުރެ މަދުން ކެފެއިން ބޭނުން ކުރާނަމަ (ގާތްގަޑަކަށް ކޮފީ ތައްޓެއްގެ މިންވަރު) މިއީ ބަލިވެއިނުމަށް ފުރުޞަތު ކުޑަކުރާ ކަމެއްކަން ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިއަށްވުރެ ގިނައިން ކޮފީ ބޯނަމަ ދަރިން ހޯދުމަށް އުދަގޫވާކަން ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ދުވާލަކު ދެތިން ހަތަރު ފަހަރަކު ކޮފީ ބޯ އަންހެނުން އެކަމާ ވިސްނާލުން މުހިއްމެވެ.

ހަށިގަޑަށް އެންމެ ރަނގަޅު ގޮތަކީ ކޮފީބޯން އާދަވެފައިވާ މީހަކު ނަމަ ބޯމިންވަރު މަދު ކުރުމެވެ. ނުވަތަ އެއްގޮތަކަށްވެސް ނުބުއިމެވެ. ކޮފީބުއިމަކީ ހަށިގަނޑަށް އެއްވެސް ފައިދާއެއްވާ ކަމެއް ނޫނެވެ. ކޮފީ ބުއިމަކީ މިއީ ކަށިން ކެލްސިއަމް މަދުކޮށް ކަށި ފީކުރުމަށް ފުރުޞަތު ބޮޑުކުރާ އެއްޗެކެވެ. ކޮފީބުއިމުން ހަށިގަނޑުން މަދުކުރާ ކެލްސިމަކީ ބަލިވެއިނުމަށްޓަކައިވެސް އަދި ބަނޑުގައިވާ ދަރިފުޅު އުފެދި ބޮޑުވުމަށްވެސް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރާނަމަ ބައިގެން ދިއުމުގެ ފުރުޞަތު ވެސް ބޮޑުވެގެންދެއެވެ.

ކޮފީބޯން އާދަވެފައިވާ މީހަކު ކޮފީބުއިން ހުއްޓާލަން ބޭނުންނަމަ ދުވަހަކަށް ފަހު ދުވަހެއް މަދުކުރަމުންގޮސް ހުއްޓާލާށެވެ. އެއްފަހަރާ ހުއްޓާ ނުލާށެވެ. އެއީ އެއްފަހަރާ ހުއްޓާލައިފިނަމަ ބޮލުގައި ރިއްސުމާއި ވާޅުވުން ފަދަ ކަންތައްތައް ދިމާވެދާނެއެވެ. ކޮފީ ބުއިން ހުއްޓާލުމާއިއެކު ނުވަތަ މަދު ކުރުމާއި އެކު ކިރުފަދަ ބުއިމެއް އިހުތިޔާރު ކުރުން ވަރަށް ރަނގަޅު ވާނެއެވެ.

ކެފެއިން ހިމެނޭ ކާނާއާއި ބުއިންތައް ގިނައެވެ. ކެފެއިން އަކީ ވަރަށް ގިނަ ފިނި ބުއިންތަކުގައި ހިމެނޭ މާއްދާއެކެވެ. ކޮފީ، ސައި އަދި ކޯލާގެ އިތުރުން ޗޮކުލެޓުގައިވެސް ކެފެއިން ހުރެއެވެ. މީގެއިތުރުން ބޭނުން ކުރާ ވަރަށް ގިނަ ބޭހުގައިވެސް ކެފެއިން ހުރެއެވެ. ބޮލުގެ ރިއްސުމަށާއި ރޯގާއަށް އަދި އެލާޖީ ވުމުންދޭ ގިނަބޭސްތަކުގައި ކެފެއިން ހުންނާނެއެވެ.

ކޮފީހުންނަވަރު އެކިބުއިން ތަކުގައި ވަރަށް ތަފާތެވެ. އާދައިގެ ކޮފީތައްޓެއްގައި ގާތްގަޑަކަށް 75-135 މިލިގުރާމު ކެފެއިން ހުރެއެވެ. ކަޅުސައިތައްޓެއްގައި ގާތްގަޑަކަށް 40-80 މިލިގުރާމު ކެފެއިން ހުރެއެވެ. އަދި ޗޮކުލެޓު ކިރުތައްޓެއްގައި ގާތްގަޑަކަށް 2-7 މިލިގުރާމު ކެފެއިން ހުރެއެވެ. މީގެއިތުރުން އާދައިގެ ޗޮކުލެޓެއްގައި ގާތްގަޑަކަށް 26 މިލިގުރަމު ހުރެއެވެ. އެވުރެޖުކޮށް ފިނިބުއިންތަކުގައި 80 މިލިގުރާމު ކެފެއިން ހުރެއެވެ.

ވިސްނަވާލައްވާށެވެ. ކޮފީ ތޯއެވެ؟ ނުވަތަ ސިއްޙަތު ތޯއެވެ؟ ނިންމަވާނީ އަމިއްލަފުޅަށެވެ.