Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގައިދީންގެ ލިސްޓް ހޯދަން ރާއްޖެ ޓީވީން ހުށަހަޅައިފި

ގައިދީން "ޕްރޮމޯޓް" ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިންޒާރު ދިނުމާއި ގުޅިގެން ގައިދީންގެ ލިސްޓެއް ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖެ ޓީވީން ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ޖަލަށް ލާފައިވާ ޕާޓީތަކުގެ ލީޑަރުންގެ ތަސްވީރު ވަނީ ބޭނުން ކޮށްފައެވެ. އެ ތަސްވީރުތައް ބޭނުންކުރުމުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން ތާއިދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައި ކަމަށެވެ. އެފަދަ އަމަލުތަކާ ހަރަކާތްތައް ހިނގާ ފަރާތްތައް ހޯދައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕޮލިހުންގެ މި އިންޒާރާ ގުޅިގެން ރާއްޖެ ޓީވީއިން ޕޮލިހަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ސިޓީގައި މިކަމާއިގުޅޭ ގިނަ ކަންތައްތަކެއް ސާފުކޮށް ދިނުމަށް އެދިފައިވެއެވެ.

ރާއްޖެ ޓީވީން އެ ދެ މުއައްސަސާއަށް ފޮނުވި ސިޓީގައި ރާއްޖޭގައި ހުކުމް ތަންފީޒް ކުރުމުންދާ މީހުން ދެނެގަންނާނެ ނުވަތަ އެނގޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ރާއްޖޭގެ ގައިދީންގެ ދަފްތަރަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަމަލު ކުރަންވީ ގޮތެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެފަދަ މައުލޫމާތު ލިބޭނެ އެއްވެސް ގޮތެއް އޮތްކަން އެނގެން ނެތުމާއި، ކަމާބެހޭ ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ގައިދީންގެ އަޕްޑޭޓެޑް ލިސްޓެއް އާއްމުކޮށް ފެންނާނޭހެން ބަހައްޓާފައި ހުރިކަން އެނގެން ނެތްކަމަށް ރާއްޖެ ޓީވީގެ ސިޓީގައި ބުނެފައިވެ އެވެ.

ގައިދީންނާއި ބެހޭގޮތުން ފުލުހުން ނެރުނު ބަޔާނަކީ ކޮން ގާނޫނެއްގެ ދަށުން ނުވަތަ ކޮން ގަވައިދަކަށް ހަވާލާދީ ނެރެފައިވާ ބަޔާނެއް ކަން އެނގެން ނެތުމާއެކު އެކަން ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން އެދިފައިވެ އެވެ. ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން ނުހިފެހެއްޓޭނޭ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާތީ ގައިދީންނާ ގުޅޭ މައުލޫމާތު ހާމަ ކުރުން ހުއްޓުވުމަށް އޮތް ގާނޫނީ ހުއްޖަތަކީ ކޮބައިކަން ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން ފޮނުވި ސިޓީގައިވެ އެވެ.

ރާއްޖޭގެ އެހެން ބައެއް ސްޓޭޝަންތަކުން މިހާރު ވެސް ގައިދީން ކަމަށް ބުނާ ބައެއް މީހުންގެ ކޮންޓެންޓް ގެނެސްދެމުންދާއިރު، އެކަމަށް ފިޔަވަޅު އަޅާފައި ނެތްއިރު، ގައިދީ އެއް ކަމުގައި ބެލޭ މީހަކު ޕްރޮމޯޓު ކުރުން ކަމަށް ބަލަނީ، އެ ކޮންޓެއްޓެއްގައި ކޮންކަހަލަ މައުލޫމާތެއް ހިމެނިގެންކަން ކަމަށާއި ގައިދީއަށް އެއްޗެހި ގޮވާފައި ފޮނުވާ ކޮންޓެންޓަ ބަލަނީ ހުއްދަ އެއްޗެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން ވަނީ އެދިފަ އެވެ.