ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ނަމަކަށް ކިޔާ 98 ފޫޓްގެ ސަޕްލައި ދޯންޏެއް ބ.ހިތާދޫ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޯމަ ދުވަހުގެރޭ ދަންވަރު 01:55 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑު ލޯންޗެއްގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 3 ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ. އަދި އެހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.