Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ރައީސް ޑރ. ވަހީދު މާދަމާ އައްޑު އަށް

ރައީސް ވަހީދު އެންމެ ފަހުން އައްޑު އަށް ކުރެއްވި ޒިޔާރަތުގައި ބައެއް ރައްޔިތުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: އަދުޝަން

ރައީސް މުހައްމަދު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މާދަމާ ހެނދުނު އައްޑު އަށް ވަޑަައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ މީޑިއާ އޮފިޝަލަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މާދަމާ ހެނދުނު ރައީސް އައްްޑު އަށް ވަޑައިގަތުމަށް ފަހު އެނބުރި މާދަމާ ހަވީރު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މާދަމާ ރައީސް އައްޑު އަށް ވަޑައިގެން ހިތަދޫގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން ގޭގެ އަށް ސާފު ބޯފެން ގުޅައި ދިނުން ރަސްމީކޮށް އިފްތިތާހްކޮށް ދެއްވާނެ އެވެ. އަދި ހުޅުމީދު އާއި ހިތަދޫގެ މަގު ތާރު އަޅައިގެން ހެދުމުގެ މަޝްރޫއެއް ވެސް އިފްތިތާހުކޮށް ދެއްވާނެ އެވެ.

ރައީސް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެން ގުޅައި ދިނުމުގެ މަޝްރޫއު އާއި މަގު ހެދުން ރަސްމީކޮށް ފައްޓަވައި ދިނުން އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި މި އުޅެނީ ރައީސްގެ ދަތުރުފުޅުގެ ޝެޑިއުލް އެއްކޮށް ތައްޔާރު ނުކޮށްލެވިގެން. ނަމަވެސް މަގު ހެދުމާއި ފެން ގުޅައި ދިނުމުގެ މަޝްރޫއު ފައްޓަވައި ދެއްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކުރިން އަޑު އިވިފައިވާ ގޮތުގައި ރައީސް ވަހީދުގެ ދަތުރުފުޅުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުން ވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މާދަމާގެ ދަތުރުފުޅުގައި އެ މަޝްރޫއުގެ ހަރަކާތެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑި އަދި ސާފެއް ނުވާ ކަމަށެވެ.

ޑރ. ވަހީދު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.