މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ މޯލްޑިވްސް އިންޑެޕެންޑެންޓުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ވަނީ ނިޔާވެފައި ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ރިޟްވާން ނިޔާވެފައިވާ ކަމަށާއި އެކަމުގައި މިހާރު ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މިއީ ސަރުކާރުން ރިޟްވާން ނިޔާވެފައިވާ ކަމަށް ހާމަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ރިޟްވާން ނިޔާވެފައިވާ ކަމަށް ޓުވީޓެއް ކުރެއްވި ނަމަވެސް އިރުކޮޅެއް ފަހުން އެޓުވީޓު ވަނީ ޑިލީޓް ކޮށްލާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު މިއަދު އަދީބު ވަނީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ހުއްޓުވީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.
ރިޟްވާން ވަގަށް ނެގި މައްސަލާގައި ދައުލަތުން ދައުވާ އުފުލި އެންމެން ކްރިމިނަލް ކޯޓުން މިނިވަން ކޮށްފައިވާއިރު ކޯޓުން ވަނީ މިމައްސަލާގައި ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަށް ނުކޮށް ހުރިކަން ފާހަގަކޮށްފައެވެ. ރިޟްވާނުގެ އާއިލާއިން ވަނީ ފުލުހުން އިހުމާލު ވެފައިވާތީ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ.
ނަމަވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ހުކުމް އިއްވި ދުވަހު ބުނެފައެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން އަދި އިތުރު އެއްޗެއް ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.