Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އަދީބުގެ ތުހުމަތު ދޮގު ކުރަން: ޝައިނީ

ގެއްލުވާލާފައިވާ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ހޯދުމުގެ މަސައްކަތް ކެބިނެޓު ތެރޭން ހުއްޓުވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަ ފިޝަރީޒް މިނިސްޓަރ، ޑރ. މުހައްމަދު ޝައިނީ ދޮގުކުރައްވައިފިއެވެ.

ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ފެށުނީއްސުރެ ހުރި ބޭފުޅެއްގެ ހައިސިއްޔަތުން، މިއަދު އަދީބު ރައީސް ޔާމީންގެ ބޮލުގައި އެޅުވި ތުހުމަތު ދޮގުކުރާ ކަމަށެވެ. އަދި ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވަނީ ރިޟްވާން ގެ މައްސަލައިގެ ހަގީގަތް ހޯދުމަށް ކަމަށް ޝައިނީ ވިދާޅުވިއެވެ.

އަދީބުގެ ވަކީލުން މެދުވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޟްވާން ގެއްލުވާލުމުގައި އަދީބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ރިޟްވާން ހޯދުމަށް ކެބިނެޓް ތެރޭން ކުރި މަސައްކަތް "އޯވަ ރޫލް" ކުރީ ރައީސް ޔާމީން ކަން ހުރިހާ ވަޒީރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ބުނެފައިވެއެވެ.

އަދި ރިޟްވާން ގެއްލުމުގެ މައްސަލާގައި ތަހުގީގު ފުރިހަމަށްކޮށް އިންސާފު ހޯދިފައިނުވާ ކަމީ ސަރުކާރުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް އަދީބު ބުނެފައިވެއެވެ.

ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުގައެވެ. ފުލުހުން ހިންގި ތަހުގީގުގައި ރިޟްވާން ވަގަށް ނެގި ކަމަށް ނިންމައި ދައުލަތުން ތިން މީހަކާ ދެކޮޅަށް ދައުވާ އުފުލިއެވެ. ދެމީހުން ކޯޓުން މައްސަލަ ނިންމައި، މިނިވަން ކޮށްފައިވާއިރު ތިންވަނަ މީހާ ރާއްޖޭގައި ވެސް ނެތް ކަމަށް ޚަބަރު ލިބެއެވެ.