ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެމައްސަލައިގެ ތަހުގީގު އަލުން ފެށުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޟްވާން ގެއްލުނުތާ އެތައް ދުވަހެއް ފަހުން، އެ މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި އަދި ޝަރީއަތް އިންސާފުނު ނުލިބި ނިމިފައިވަނިކޮށް ރައީސުލް ޖުމުހޫރިއްޔާ ޝައްކެއް ނެތް މިންވަރަކަށް ސާފުކޮށް ރިޟްވާން މަރުވެފައިވާ ކަމަށް އިއުލާން ކުރުމުން މައްސަލަ އަލުން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
އަދި އިންސާފުވެރި ތަހުގީގެއް ކުރުމަށާއި، ރައީސް ޔާމީން ރިޟްވާން މަރުވެފައިވާ ކަމަށް އިއުލާން ކޮށްފައިވާތީ ރައީސް ޔާމީނަށް އެކަން އެނގުނު ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށާއި އާއިލާއަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.
ރިޟްވާން މަރުވެފައިވާ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެފައިވަނީ ރަސްމީ ގޮތެއްގައި ތަހުގީގު ކުރި ފުލުހުން ނުވަތަ ޕީޖީ އޮފީހުން ވެސް އެފަދަ އެއްޗެއް މިހާތަނަށް ހާމަކޮށްފައިނުވަނީސް ކަން ފާހަގަކޮށްލެވެއެވެ.