ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައި ރައީސް ޔާމީނަށް އެނގޭ ކަންތައް ފޮރުވަން ކުރި މަސައްކަތް ތަހުގީގު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި އަމާޒު ކޮށްފައިވަނީ މިއަދު ގދ. މަޑަވެލީގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔާ ރިޟްވާން މަރުވެފައިވާ ކަމާ މެދު ޝައްކެއް ނެތް ކަމަށް ވިދާޅުވުން ކަމަށް ބެލެވެއެވެ.
ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރިޟްވާން މަރުވެފައިވާކަން ހާމަކޮށްފައިނުވަނީސް މިއަދު ރައީސް އަބްދުﷲ ޔާމީން، ރިޟްވާން މަރުވެފައިވާ ކަމަށް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އާއިލާއަށް ނޭނގޭ ކަންތައް ރައީސް ޔާމީނަށް އެނގޭ ނަމަ އެކަން ހިއްސާ ކުރުމަށް ސޯޝަލް މީޑިޔާގައި ސަރުކާރަށާއި ރައީސް ޔާމީނަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން، ރިޟްވާންގެ މައްސަލަ ހުއްޓުވަން ރައީސް ޔާމީން ވިދާޅުވިކަމަށް ބުނުމުން އެމައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.