މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ މޯލްޑިވްސް އިންޑެޕެންޑެންޓުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ވަނީ ނިޔާވެފައި ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްގެންތޯ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ސުވާލު އުފައްދަވައިފިއެވެ.
ގއ. މަޑަވެލީގައި ރިލްވާން މަރުވެފައިވާކަމަަށް ރައީސް ޔާމީން ވިދާޅުވި ވީޑިއޯ ޓްވިޓަރގައި ހިއްސާ ކުރައްވައި، ހަސަން ލަޠީފު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ރައީސް ޔާމީނާއި ސުވާލު ކުރައްވައި މި މައްސަލަ ތަހްގީގު ކުރަން ޖެހޭކަމަށެވެ.
Rilwan vanee Maruvefai kamah R.Yameen e vidhaalhuvee kon hekkeh ge machchah binaa koh tho? @PoliceMv R.Yameen aa suvaalu koh mi massala thahqeeq kuranjehey! pic.twitter.com/3aolaiCFKa
— Hassan Latheef? (@HassanLatheef) August 7, 2018
ރިލްވާން ގެއްލުނުތާ މާދަމާއަށް ހަތަރު އަހަރު ފުރޭއިރު ރިލްވާންއަށް ވީ ގޮތެެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ. ރިލްވާން ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިދިޔަ ހަފްތާގައި ވަނީ ސަލާމަތް ވެފައެވެ.
ފުލުހުން ވަނީ ރިލްވާން އާއި ގުޅޭ އެއްވެސް މައުލޫމާތެެއް ލިބިފައިވާ ނަމަ އެވާހަކަތަކެއް ހިއްސާ ކުރުމަށް އެދިފައެވެ. އަދި މިއަދު ރައީސް ޔާމީން "އެއްވެސް ޝައްކެއް ނެތް ގޮތަށް ރިލްވާން މަރުވެފައިވާ ކަމަށް" ވިދާޅުވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދޭން ފުލުހުންގެ އިދާރާއަށް ގޮވާލާފައެވެ.