މިއަދު ގދ. މަޑަވެލީގައި ރައީސް ޔާމީން، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރުވެފައިވާ ކަމަށް ދެއްކެވުނު ވާހަކައަށް އެމަނިކުފާނު މައާފަށް އެދިވަޑައިގެންފިއެވެ.
އެ އަތޮޅު ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ މަޑަވެލީގައި ދެއްކެވި ވާހަކައާ މުޅިން އިދިކޮޅަށް ވާހަކަ ދައްކަވާފައެވެ. ފަރެސްމާތޮޑާގައި ރިޟްވާން މަރުނުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އޭނާ ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް ގައުމުގެ ވަލީއުލް އަމުރު ވަނީ ވިދާޅުވެފައެވެ.
"ﷲ ގެ ރަހުމަތްފުޅުން ރިޟްވާން މަރެއް ނުވާނެ، އަޅުގަނޑުމެނަށް އޭނާ ހޯދޭނެވެސްމެ"
ރައީސް ޔާމީން ވިދާޅުވީ މަޑަވެލީގައި އެމަނިކުފާނަށް ރިޟްވާން ޝައްކެއް ނެތް ގޮތުގައި މަރުވެފައިވާ ކަމަށް ވިދާޅުވެވުނީ ކުރީގެ ނައިބު ރައީސް އަދީބު އެމަނިކުފާނާ ގުޅޭގޮތުން ދެއްކެވި ވާހަކައަށް ރައްދު ދިނުމަށް ކަމަށެވެ.