Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ރިޓަޔާ ކުރާ އުމުރު 75 އަހަރަށް ބަދަލު ކުރަނީ

ރައީސް ޔާމީން މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުން - ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ރިޓަޔާ ކުރާ އުމުރު 75 އަހަރަށް ބަދަލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގދ. ފަރެސްމާތޮޑާގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ 65 އަހަރުގައި ރިޓަޔާ ކުރަން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރައްވާ ކަމަށާއި، ދިއިރުޅުމުގެ ވައްޓަފާޅިއާއި ސިއްޙީ ކަންކަމަށް އައިސްފައިވާ ބަދަލުތަކާއި، ފަރުވާ ދިނުމުގައި ހުރި ފަސޭހަތަކަށް ބަލާއިރު އެ ޤާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރަކީ އެއްގޮތަކަށް ވެސް މީހުން މަސައްކަތް ނުކޮށް ތިބެން ޖެހޭ އުމުރެއް ނޫން ކަމަށާއި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ސަރުކާރުން ކުރާނެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެއް ކަމަކަށް ރިޓަޔާ ކުރާ އުމުރު 75 އަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ ކުރިން މި ސަރުކާރުން ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އިނާޔަތް 5000 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، އެ ޤާނޫނަށް ބަދަލު ގެނައުމާއެކު އިނާޔަތް ލިބޭ އުމުރުވެސް 75 އަހަރަށް ބަދަލުވާނެ ކަމަށް ލަފާކުރެވެއެވެ.