ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް އެ ގޮތަށް ވިދާޅުވި އިރު، މިއީ ރިލްވާން މަރުވެފައިވާ ކަން ސަރުކާރުގެ ރަސްމީ ފަރާތަކުން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.
އެހެންނަމަވެސް، ރައީސް ޔާމީން ވަނީ ފަހުން ގދ. ފަރެސްމާތޮޑާ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މަޑަވެލީގައި ރިލްވާން އާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް މަޢާފަށް އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ މަޑަވެލީގައި އެމަނިކުފާނަށް ރިޟްވާން ޝައްކެއް ނެތް ގޮތުގައި މަރުވެފައިވާ ކަމަށް ވިދާޅުވެވުނީ ކުރީގެ ނައިބު ރައީސް އަދީބު އެމަނިކުފާނާ ގުޅޭގޮތުން ދެއްކެވި ވާހަކައަށް ރައްދު ދިނުމަށް ކަމަށެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް އިބޫ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ލ. މާބައިދޫގައި "މިނިވަން ޖަގަހަ" ހުޅުވުމަށް ފަހު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އިބޫ ވަނީ ރިލްވާން ހާދިސާގައި ކަން ހިނގި ގޮތް ރައީސް ޔާމީނަށް އެނގިވަޑައިގެން ހުންނަވައި އެ މަޢުލޫމާތު ކަމާ ބެހޭ އިދާރާތަކަށާއި ޝަރީއަތާ ހިއްސާ ނުކުރެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.
"ރިލްވާންގެ އާއިލާ އެކަން ހޯދަން ފުލުހަށާއި އެކިއެކި މުއައްސަސާތަކަށް ހިނގި އަދަދު، ލިޔުނު ސިޓީ ގުނާ އަދަދު ނުކުރެވޭނެ، އެއްވެސް ޖަވާބެއް އެއްވެސްތާކުން ނުލިބެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ރިލްވާން މައްސަލާގައި ތަހުޤީޤަކާއި ޝަރީއަތެއް ކުރެވިގެން ގޮސްފި ކަމަށާއި ނަމަވެސް ތަހުޤީޤަށްވެސް ރިލްވާން މަރުވިކަން ހާމެވެފައިނުވާ ކަމަށެވެ. އަދި ޝަރީއަތަކަށްވެސް ސާބިތުކޮށްދީފައެއްނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އެހެންކަމުން އާންމު ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވުމަކީ ރައީސެއްގެ މަޤާމުގައި ހުންނަ ބޭފުޅަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"މިއީ ވަރަށް އިހާނަތްތެރިކޮށް އެ މަނިކުފާނު ކުރެއްވި ކަމެއް. މިއަދު ކިހިނެއްތޯ ރިލްވާންގެ އާއިލާ އިން ކެތްކުރާނީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ރިލްވާންގެ މައްސަލަ އަލުން ބަލައި ތަހުޤީޤުކޮށް ވީނުވީ ބަލާނެ ކަމަށާއި އެދުވަހުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ރިލްވާން ގެއްލުނުތާ މާދަމާއަށް ހަތަރު އަހަރު ފުރޭއިރު ރިލްވާންއަށް ވީ ގޮތެެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ. ރިލްވާން ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިދިޔަ ހަފްތާގައި ވަނީ ސަލާމަތް ވެފައެވެ.
ފުލުހުން ވަނީ ރިލްވާން އާއި ގުޅޭ އެއްވެސް މައުލޫމާތެެއް ލިބިފައިވާ ނަމަ އެވާހަކަތަކެއް ހިއްސާ ކުރުމަށް އެދިފައެވެ. އަދި މިއަދު ރައީސް ޔާމީން "އެއްވެސް ޝައްކެއް ނެތް ގޮތަށް ރިލްވާން މަރުވެފައިވާ ކަމަށް" ވިދާޅުވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދޭން ފުލުހުންގެ އިދާރާއަށް ގޮވާލާފައެވެ.