ރައީސް ޢަބްދުﷲ ޔާމީން މިއަދު ހަވީރު ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫއަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީން ގައްދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސްގެ މިދަތުރުފުޅުގައި ގައްދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ ގދ. ފަރެސްމާތޮޑާއާއި، ގދ. ގައްދޫއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅުގައި ގއ. ކޮނޑޭ އަށާއި ގއ. ކޮލަމާފުށީގެ އިތުރުން ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫއަށް ވެސް ވަޑައިގަންނަވާނެ އެވެ.