ރައްޔިތުން މިހާރު ބޭނުންވަނީ އިޤްތިޞާދީ ތަނަވަސްކަންކަމަށާއި، ރާއްޖޭގެ ހުރިހާ ދިމާއަކަށް ވެސް ބޭނުންވަނީ އިޤްތިޞާދީ ދިރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގދ. ގައްދޫގައި ހިންގި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަކީ ވެސް ހަކަތަ ހުރި އިޤްތިޞާދަކަށް ވާންޖެހޭ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދުމުގައި ހަމައެކަނި ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަމިއްލަ ފުދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ބޮޑު މަންފާ ކުރިމަގުގައި ލިބެން އޮތީ ހުވަދު އަތޮޅަށް ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ އެންމެ ބޮޑު އުއްމީދެއް އޮތް އަތޮޅަކީ ހުވަދު އަތޮޅުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހުވަދު އަތޮޅަކީ އިޤްތިޞާދުގެ މައި ނާރެހަކަށް ވެގެންދާނެ އަތޮޅެއް ކަމަށެވެ.
ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހުވަދު އަތޮޅު ދެކުނުބުރީގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ 6000 އެނދުގެ ތެރޭގައި ހިމެނިގެން ގައްދޫ ދާއިރާގައި 21 ރަށް ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިދާއިރާގައި 4200 އެނދު ތަރައްގީ ކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ތަރައްޤީއާއުއެކު 7000 ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށެވެ.
ގައްދޫގެ ރައްޔިތުންނަށް މިހާރު އަސާސީ ޚިދުމަތްތައް ލިބޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ގައްދޫއަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ސަރުކާރުން ގައްދޫއަށް 240 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިސަރުކާރުން ވަރަށް މަދު ރަށެއްގައި ނޫނީ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި އެއްވެސް ރަށަކުން ލިބޭ އާމްދަނީއަކުން އެރަށަކަށް ބޭނުންވާ ކަންކަން ނުކުރެވޭނެކަމަށް ވިދާޅުވެ ރާއްޖެއަކީ ޔުނިޓަރީ ދަޢުލަތެއްކަން ފާހަގަ ކުރައްވައި ދަޢުލަތަށް ލިބޭ އާމްދަނީ ބެހުމުގައިވެސް ޔުނިޓަރީ ދައުލަތަކަށް ވާންޖެހޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.