ޚަބަރު

ބިންހެލުމާ އެކު ވެސް އިމާމުގެ ނަމާދު ކުރިއަށް

އާދިއްތަ ދުވަހު އިންޑޮނޭޝިއާ އަށް ބިންހެލުން އައި ވަގުތު ބާލީގެ މިސްކިތެއްގައި މެދުކަނޑާނުލައި ނަމާދުކުރަމުން ދިޔަ އިމާމެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

ބިންހެލެމުން ދިޔަ ވަގުތުވެސް ހުއްޓުމެއްނެތި އެ އިމާމް މީހާ ނަމާދު ކުރިއަށްގެންދިޔަ ކަމަށްޓަކައި ގިނަ ބަޔަކު ދަނީ އޭނާ އަށް ތަޢުރީފް ކިޔަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ބިންހެލުން އައި ވަގުތު މިސްކިތް ތެރޭގެ މަންޒަރެކެވެ. އިމާމް މީހާގެ ފަހަތުގައި މައުމޫމްވެ ނަމާދު ކުރަން ތިބި ބައެއް މީހުން ބިންހެލުން އަންނަން ފެށުމާއެކު ނަމާދު ދޫކޮށް ދާ މަންޒަރު ފެނެއެވެ. ނަމަވެސް އިމާމް މީހާ ދިޔައީ ބިން ހެލެމުން ދިޔަ ވަގުތުގައިވެސް މެދުކަނޑާނުލައި ނަމާދު އަދާކުރަމުންނެވެ.

އަރަފާތު ނަމަކަށް ކިޔާ އެ އިމާމް މީހާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބިންހެލުން އައި ވަގުތު ހުއްޓުމެއްނެތި އޭނާ ނަމާދު ކުރަމުންދިޔަ ސަބަބަކީ "އޭނާގެ ފުރާނައަކީ ﷲ ދެއްވި އެއްޗެއް" ކަމުން "އެވަގުތު އެންމެ ރައްކާތެރި ހިޔަލަކަށް ވާނީ މިސްކިތް ކަމަށް" އޭނާ ޤަބޫލުކުރާތީ ކަމަށެވެ.

7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތަށް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެސް ލިބިފައެވެ.

ނިމިގެންދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ވެސް އިންޑޮނޭޝިއާގެ ލޮމްބޮކް އަށް އައި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 16 މީހުން މަރުވެ، 1،400 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ.