Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގޭތެރޭގެ ހަމަޖެހުން އަނބިމީހާގެ އުފާވެރިކަމާ އެކު!

Family with a map land a camera traveling in Europe

ގޭގެ އޮޅިއަކީ އަނބިމީހާއެވެ. ތިބާގެ ދިރިއުޅުމާއި، ގޭތެރޭގެ ހިތްހަމަޖެހުމަށް އަނބިމީހާގެ އުފާވެރިކަމަކީ މުހިއްމު ރޯލެއް ކުޅޭ ކަމެއްކަން ދަންނަންވާނެއެވެ. ތިމާގެ އަނބިމީހާ ހިތްހަމަޖެހިފައި ހުރުމަކީ ދިރިއުޅުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. ގޭތެރޭގެ ހަމަޖެހުމާއި ޞުލްޙަ މަސްލަޙަތު ދެމިއޮތުމުގެ އަސްލެވެ. އެ އަސްލު ދެމެހެއްޓުމަށް ތިބާ އަބަދުވެސް ސަމާލުކަންދޭން ވާނެއެވެ. ތިމާގެ ޞިއްޙަތާއި ދިރިއުޅުމުގެ ސުލްޙަ މަސްލަޙަތު ބެލެންސް ކޮށްދޭ ކަމެކެވެ. ދަރިންގެ ތަރުބިއްޔަތާއި ތިމާގެ ސުލޫކު ތަރުބިއްޔަތު ކޮށްދޭ ކަމެކެވެ. އެހެންކަމުން، ދިރިއުޅުމުގެ މި ހަޔާތުގައި އަނބިމީހާ އާއި އަޅާލައި އޭނާގެ އުފާވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

ދިރިއުޅުމުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުންނާއި އެހެނިހެން ކޮންމެވެސް ސަބަބުތަކަކާއި ހެދި އަނބިންނަށް ދޭންޖެހޭ އަޅާލުމާއި ލޯބި ގިނަފަހަރަށް ތިބާއަށް ނުދެވޭ ފަހަރު އާދެއެވެ. ތިބާ އަށްވުރެ ތަންފުކެއްވެސް ތިބާގެ އަނބިމީހާގެ ބުރަކަން ވަކި ކުޑައެއް ނޫންކަން ތިބާ އަށް އެނގޭ ހެއްޔެވެ؟ ގޭތެރޭގެ ބުރަ މަސައްކަތުގައި ހޭދަކޮށް ވަރުބަލިވެފައިވާ އެ ހަށިގަނޑަށް ތިބާ ލޯބިން ބަލާލާ އެންމެ ބެލުމެއް ފުދޭކަން ތިބާ ދެނަހުރިންތޯއެވެ؟ ތިބާގެ ލޮބުވެތި އެންމެ ލަފްޒެއް ދުވަހުގެ ވަރުބަލިކަން ތިބާގެ އަނބިމީހާގެ ހަށިގަނޑުން ފިލުވާލާކަން ތިބާ އަށް އިހުސާސްވޭތޯއެވެ؟

ފިރިއެއްގެ ހައިސިއްޔަތުން ތިބާގެ އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކަށް ކަޅިއެއް އެއްލާލާނަމެވެ. މިކަންތައްތައް ތަޖުރިބާކޮށްލުން ރަގަޅުވާނެ އެވެ. ޞުލްހަވެރިކަމާއި އުފާވެރިކަމާއި ހަމަޖެހުން ދިރިއުޅުމަށް ގެނައުމަށެވެ.

އަނބިމީހާއަށް ހިނިތުން ވެލާށެވެ. ހީލާއިރު އޭނާގެ ލޮލަށް ބަލާށެވެ. އެއްވެސް އެއްޗެއް ބުނާނެކަމެއްނެތެވެ. ހަމަ ބަލައިލާށެވެ. މިކަން ކުރާނީ އަނބިމީހާ ތިބާއަށް ރަގަޅަށް ބަލާއިރު އެވެ. މިއީ ތިބާގެ އަންހެނުންނަށް ތަޢުރީފް ކުރާކަމުގެ އިޝާރާތެކެވެ. ތައުރީފް ކުރުމަކީ އަނބިމީހާ ވަރަށް ހިތްހަމަޖެހޭނެ ކަމެކެވެ.

އެއްގޮތަކަށްވެސް ތިބާގެ އަނބިމީހާއަށް އަޑުލައި ނުހަދާށެވެ. މަޑުމައިތިރި އޯގާތެރި އުފާވެރި އަޑަކުން ބަސްބުނާށެވެ. އަންހެނުންގެ ކަންފަތް ދޮށުގައި ހަޅޭލައި ހެދުމަކީ އަންހެނުން ރުޅި އަންނާނެ ކަމެކެވެ. ހަޅޭލައި ނެހެދިއަސް އަނބިމީހާ އަށް އަޑުއިވޭނެ އެވެ. ތިބާ ހިތްހަމަ ނުޖެހޭ ކަމެއް އަނބިމީހާގެ ފަރާތުން ފެނުނަސް ބާރަށް ބަސްބުނެ ހަޅޭލައި ނުހަދާށެވެ. ލޯބިން ވާހަކަ ދެއްކުމުން އެކަނބަލުން ވަރަށް ގަޔާވާނެއެވެ.

އަނބިމީހާ ދައްކާ ވާހަކަ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ. އެވާހަކައަކީ ތިބާ ފޫހިވާ އަޑުއަހަން ބޭނުން ނުވާ ނުވަތަ އެވާހަކައިގެ ސަބަބުން ކުރަން އިން މަސައްކަތަކަށް ހުރަސްއެޅޭ ވާހަކައެއް ނަމަވެސް އެވާހަކަ ހިތްވަރާއެކު އަޑު އަހާށެވެ. ތިބާ ގާތުގައި ބުނަންވެފައިވާ ވަރަށް މުހިންމު ވާހަކައެއް އޮތީ އެވެ. އޭނާގެ އެވާހަކަ ތަކަށް އިޙްތިރާމްކޮށް އަޅާލާށެވެ. ތިބާގެ ވާހަކަތަކަށް އޭރުން ތިބާގެ އަނބިމީހާ ދޭ ސަމާލުކަންވެސް އިތުރުވެގެން ދާނެއެވެ.

އަނބިމީހާ ކޮށްދޭން ބުނާ އެއްވެސް ކަމެއް ފަސްނުކުރާށެވެ. ޚާއްޞަކޮށް ގޭތެރޭގެ މަސައްކަތްތަކެވެ. މައްސަލަ ޖެހިފައިހުރި ގޭގެ ފެން ޕަމްޕު ރަނގަޅު ކުރުން، ބަދިގޭގައި އެއްޗެއް ހަރުކުރުން، ފާޚާނާގެ ފެން މާގަނޑު ހަރުކޮށްދިނުން، ފަދަ ކަންކަމެވެ. މިފަދަ ކަންތައްތައް ތަކަކީ އެކަމުގެ ސަބަބުން ތިބާއަށްވެސް ފައިދާކުރާނެ ކަންކަމެވެ. ވީމާ މިފަދަ ކަންކަން ވީ އެންމެ އަވަހަކަށް ކުރުމަށް ޕްލޭން ކުރާށެވެ. ތިބާގެ އޮފީސް ވަގުތުތަކުގައިވެސް ގޭގައި ފެނުން ކުރަންޖެހޭ ކިތަންމެ ކަމަކަށް ފެން ޕަމްޕު ހަލާކުވެފައި ހުރުމުން ބުރޫ އަރާނެކަން ހަނދާން ކުރާށެވެ.

އަނބީހާއަށް ތައުރީފް ކުރާށެވެ. މާނައެއްނެތް ހަޖޫ ޖެހުމަކުން ތަޢުރީފް ނުކުރާށެވެ. އިޙްލާޞްތެރިކަމާއެކު މިކަން ކުރާށެވެ. ބާޒާރަށް ގޮސްފިނަމަ، އޭނައަށް ގަތީ ކޮންއެއްޗެއް ތޯ އަހާށެވެ. ބާޒާރުން ގެނައި ތަކެއްޗާ ދޭތެރޭ ހިތްހަމަ ޖެހޭކަން ބަޔާންކުރާށެވެ. ހެދުން އަޅާފައި ހުންނަގޮތް ކަމުދާކަން ހާމަކުރާށެވެ.

އެއްގޮތަކަށްވެސް އަނިޔާވެރި ނުވާށެވެ. އަނިޔާވެރިވުމުގެ ސަބަބުން އެޅޭ ކޫރުން ތަކަކީ ފެންނަން ނެތަސް އަސަރު ފިލާނުދާ ކޫރުން ތަކެއްކަން ތިބާ ދަންނާށެވެ. އެއްގޮތަކަށްވެސް އަނބިމީހާ ގޯސްނުކުރާށެވެ. ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ރަނގަޅު ކުރާނެ ގޮތް ބުނެދޭށެވެ. ގޯސްމީހެއްގެ ޓެގް އަޅުވާނުލާށެވެ.

އެއްގޮތަކަށްވެސް ބޭކާރު ޚަރަދު ނުކުރާށެވެ. ރައްޓެހިންނާއި އެކު މާގިނައިން ކޮފީ އަށާއި ރެސްޓޯރަންޓް ތަކަށް ނުދާށެވެ. އޭގެ ބަދަލުގައި ރައްޓެހިން ގޮވައިގެން ފަސޭހަ ވަގުތެއްގައި ގެއަށް އަންނާށެވެ. ތިބާގެ އެކުވެރިންނަކީ އަނބިމީހާ ދަންނަ މީހުން ކަމަށް ވާނަމަ އެކުވެރިންނާއިއެކު ތިބާ ހޭދަކުރާ ވަގުތުތަކަކީ އަނބިމީހާ ކަންބޮޑުވާ ވަގުތުތަކަށް ނުވާނެއެވެ.

އަލަމާރިން ހެދުން އަމިއްލައަށް ނަގައި ހެދުން ކޮނޑުގައި އަޅުވާށެވެ. އަނބިމީހާއަށް މިކަން ނުޖައްސާށެވެ. ކާތަށި ކޮންމެވެސް ވަރަށްކަށް އަމިއްލައަށް ދޮވުމުގެ އާދައެއް ގެންގުޅޭ ށެވެ. އެއީ ތިބާ ހުތުރުވާ ކަމެއް ނޫނެވެ. އެ ދިއްކޮށްލެވެނީ އަނބިމީހާގެ މަސައްކަތަށް ތިބާގެ އަތެކެވެ.

އެކުގައި ޓީވީ ބަލާނަމަ، ބަލަންވީ ޗެނެލްއެއް ކަނޑައެޅުމަށް އަނބިމީހާ ގާތު އަހާށެވެ. އޭނާ ބަލަން ބޭނުން ޕްރޮގްރާމެއް ބަލާށެވެ. އެއަށް ޝައުޤުވެރިވާށެވެ.

ތިބާއަށް ބޭނުންވާ ގަމީހާއި ބޫޓް ކަނޑައެޅުމަށް އަންހެނުންނަށް އިޚްތިޔާރު ދޭށެވެ. ތިބާ ހުންނަންވީ ގޮތް އެނގޭނީ އޭނާ އަށެވެ. ތިބާ ހެދުން އަޅަންވާނީ އަނބިމީހާއަށް ރީތި ގޮތަކަށެވެ. އެހެން އަންހެނުންނަށް ދެއްކޭކަށެއް ނޫނެވެ.

ރުޅި ކޮންޓްރޯލް ކުރާށެވެ. ކަމަކާ ރުޅި އަންނަ ނަމަ އެކަމެއް ނުދެކޭށެވެ. އަވަހަށް ގެއިން ބޭރަށް ނިކުންނާށެވެ. ހަމައަކަށް އެޅުމުން ގެއަށްއައިސް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކައި ރުޅި އާދެވުނީތީ މަޢާފަށް އެދޭށެވެ. އެކަން ރަނގަޅު ކުރުމަށް ތިބާގެ އަނބިމީހާއާއި ދެމީހުން މަޝްވަރާ ކުރާށެވެ.

ގިނައިން އަނބިމީހާ ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އިހުލާސްތެރިކަމާއި އޯގާތެރިކަމާއެކު ބުނާށެވެ. އިނދެގެން އުޅޭނީ ލޯބިވާތީ ކަމަށް ވިޔަސް ދުލުން ބުނެލުމުން އެ ލިބޭ ހިތްހަމަޖެހުން އެއީ ވަރަށް ތަފާތު އިހްސާސެކެވެ.

އަނބިމީހާ ކަމަކާއި ކަންބޮޑުވާނަމަ ނުވަތަ ހާސްވާނަމަ، އެކަން ހައްލުކުރުމުގައި އޭނާއަށް އެހީތެރިވެދޭށެވެ. ތިބާއަށް އަށް ދިމާވާ ހިތާމަޔާއި ހާސްކަން ލުއިކޮށްދިނުމުގައި އެންމެ ގާތުން އެހީވާނީ އަނބިމީހާކަން އަބަދުވެސް ހަދާން ކުރާށެވެ.

އޭނާގެ ފަހަތުގައި ވިޔާނުދާ ކަންތައް ނުކުރާށެވެ. އެކަނބަލުންގެ އިހްސާސްތަކަށް ތަދުނުކުރާށެވެ. ބޭވަފާތެރި ނުވާށެވެ. ވަފާތެރި ކަމަކީ އިތުބާރު ދަމަހައްޓާ ކަމެކެވެ. އިތުބާރަކީ ދިރިއުޅުމަށް ވަރަށް މުހިއްމު އެއްޗެއްކަން ދަންނާށެވެ.

އެކަނބަލުންނަކީ ތިބާގެ ހަޔާތުގެ ބައިވެރިޔާކަން އަބަދުވެސް ހަދާން ކުރާށެވެ. އަންހެނުންނަކީ ތިބާގެ އަޅެއްގެ ގޮތުގައި ނުދެކޭށެވެ. އޭނާގެ ޚިޔާލާއި މަޝްވަރާ ގަބޫލުކުރާށެވެ. ވާހަކަތައް ދެނެގަންނާށެވެ.

ދިރިއުޅުމުގެ އުފާވެރި ވާހަކަތައް ދައްކާށެވެ. ދިރިއުޅުމުގެ މަސައްކަތުން ޗުއްޓީއެއް ނަގައި ޢާއިލާއެކު ވަގުތުކޮޅެއް ހޭދާކުރާށެވެ. އެހެން ރަށަކަށް ނުވަތަ އެހެން ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާށެވެ.

އިސްވެ ދެންނެވުނު ކަންތަކަށް ވިސްނައިގެން އަދި އަމަލުކޮށްގެން ތިބާ ކުރިޔަށްދާ ނަމަ ތިބާގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ވާނެއެވެ. ތިބާގެ އަނބިމީހާ އަކީ އުފާވެރި އަންހެނަކަށް ވާނެއެވެ. އޭނާގެ އެ އުފާވެރިކަން ތިބާގެ ޙަޔާތް އާބާދުކޮށް ބާއްޖަވެރި ކުރުވާނެއެވެ.