Last Updated: June 11, 13:58
Thursday, June 11, 2026
ކުޅިވަރު

ޔުނައިޓެޑް ދޫކޮށް ޕޮގްބާ ބާސާ އަށް؟

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސުގެ ޕޯލް ޕޮގްބާ ކުލަބު ދޫކޮށް ބާސެލޯނާއާ ގުޅެން އުޅޭ ކަމުގެ އަޑުތައް އިނގިރޭސި މީޑިޔާގައި ފެތުރެން ފަށައިފިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އޭރުގެ ރެކޯޑު އަގަކަށް ޕޮގްބާ ޔުނައިޓެޑަށް ގެނައީ ޖޯސޭ މޮރީނިއޯއެވެ. މޮރީނިއޯ އާ އެކު ދެ ސީޒަން ޕޮގްބާ ވެސް ޔުނައިޓެޑުގައި ހޭދަކޮށްފައިވާއިރު ލީގު ތަށްޓެއް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި އިސް ރޯލެއް އަދާކުރި ޕޮގްބާ އަދި މިކަމާ ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ އޭޖެންޓު، މިނޯ ރައޯލާ ޕޮގްބާ އިނގިރޭސި ވިލާތުން ސްޕެއިނަށް ބަދަލުވުމަށް ނަސޭހަތް ދީފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ ޕޮގްބާ ހޯދުމަށް 45 މިލިއަން ޕައުންޑާއި ޑިފެންޑަރު ޔެރީ މިނާ އަދި އެންޖެލް ގޯމެސް ވެސް ހުށައަޅާފައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ބާސެލޯނާގެ ހުށައެޅުން ގަބޫލުނުކޮށް އަނބުރާ ފޮނުވާލާފައެވެ.