ދުނިޔެ

ނަޖީބުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފި

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބުއް ރައްޒާކް މަގާމުގައި ހުރި އިރު ކަޅު ފައިސާ ހުދުކުރުން ނުވަތަ މަނީ ލޯންޑަރ ކުރި ކަމުގެ ދައުވާ ޕްރޮސެކިއުޓަރުން އުފުލައިފިއެވެ.

ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާ އޭނާއާ ދެކޮޅަށް އުފުލާފައިވަނިކޮށް އިއްޔެ މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނަޖީބު ވަނީ ހާޒިރުކޮށްފައެވެ. އަދި 45 މިނެޓު ވަންދެން ސުވާލުކޮށް ބަޔާން ނެގުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ ނަޖީބާ ދެކޮޅަށް އުފުލާނެ ކަމަށެވެ.

މިއަދު މިމައްސަލައިގެ ޝަރީއަތަށް ނަޖީބު ހާޒިރު ކުރުމަށް ހަމަޖެހިފައިވާއިރު އެގައުމުގެ ގާނޫނު ބުނާ ގޮތުން ކުށް ސާބިތު ވެއްޖެނަމަ ނަޖީބަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނަޖީބު ވަނީ އޭނާއާ ދެކޮޅަށް ކުރަނީ ސާބިތު ނުހިފޭ ތުހުމަތުތަކެއް ކަމަށް މީގެ ކުރިންވެސް ބުނެފައެވެ. އަދި ސަޕޯޓަރުން މާޔޫސް ނުވުމަށާއި ދައުވާތައް ސާބިތުނުވާނެ ކަމަށް ނަޖީބަށް ތާއީދު ކުރާ ފަރާތްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.