އިސްލާމް ދީނާއި ޤައުމިއްޔަތު ހިމާޔަތް ކުރުމަކީ އިދިކޮޅު ސިޔާސަތުގައި ހުރި ކަމެއް ނޫން ކަމަށާއި އެއީ އެމްޑީޕީން ދައްކާ ވާހަކައެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކުރައްވާ ދަތުރުފުޅުގައި މިއަދު ގއ. ކޮނޑޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ފިކުރަކީ ދީނާއި ޤައުމިއްޔަތު ހިމާޔަތް ކުރުން ކަމަށެވެ.
އަދި އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސިޔާސަތުތަކުގައި ނުހިމެނޭ ކަމެއް ކަމަށާއި މިއީ ހުރިހާ ރައްޔިތުން ގައުމިއްޔަތުގެ ފިކުރުގައި އަތުކުރި އޮޅާލަން ޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ރައްޔިތުން ނުކޮށްފިނަމަ އިސްލާމް ދީނާއި ދިވެހި ގައުމު ދިވެހިންގެ އަތުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ސަރުކާރުން ދީން ހިމާޔަތް ކުރުމުގެ ނަމުގައި ވާހަކަ ދެއްކި ނަމަވެސް ފާޅުގައި މުންކަރާތް ތަކަށް އަރައިގަންނަ ކަމަށާއި ދީނާއި ދުރު ކަންތައް ހުއްޓުވުމަށް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ފާޑު ކިޔާފައެވެ.