ކޮންކްރީޓަކީ ވެސް ތަރައްގީ ކަމަށާއި އެވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކަށް ނުކެރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅު ކޮނޑޭ އަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިރަށު ބަނދަރު އެމަނިކުފާނު ހެދީ ކޮންކްރީޓުން ކަމަށެވެ. އެއީ ހަމަ ތަރައްގީ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ ތަރައްގީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ހިންގަވާ ޕްރޮޖެކްޓުތައް މާ އަގުބޮޑު ކަމަށް ބުނާ ބުނުމަށް ވެސް ރައްދު ދެއްވާފައެވެ. މަޝްރޫއުތަކަށް ބޮޑު ޚަރަދެއް ދަނީ އަވަހަށް އެމަޝްރޫއުތައް ނިންމަން ބޭނުންވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އިދިކޮޅުން ކޮންކުރީޓަކީ ތަރައްގީ ނޫން ކަމަށް ބުނަނީ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ގެ މަސައްކަތް ނިމޭތަން ފެނުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.