ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އައިބީ އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އަބުޅޯ ނިންމައިފިއެވެ.
އަބުޅޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ މަސްލަހަތަށް ޓަކައި އަނެކުންގެ އަބުތު ކަތިނުލުމަށް މެމްބަރު އައިބީ އަށް ގޮވާލާ ކަމަށެވެ. އަދި ރައީސް ޔާމީން މެމްބަރު އައިބީ އަށް އިތުބާރު ނުކުރުމަކީ އޭނާގެ ކުށެއް ނޫން ކަމަށާއި މިހާރު ތިހުންނެވި ގާނޫނީ ކުށެއް ކުރައްވައިގެން ކަމަށް ވެސް މެމްބަރު އަބްދުﷲ ވިދާޅުވެފައިވެއެވެ.
އަދި އައިބީ ކޮށްފައިވާ ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ތުހުމަތުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަބުރުގެ ދައުވާ އައިބީ އާ ދެކޮޅަށް ކުރުމަށް ނިންމާފައިވާ ކަމަށް މެމްބަރު އަބްދުﷲ ވިދާޅުވިއެވެ.
އައިބީ ވަނީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ތިނަދޫ އަށް ނިސްބަތްވާ ދެމެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދާއި މެމްބަރު ސައުދުﷲ ހިލްމީ ޕީޕީއެމުން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީ ސީދާ ރިޝްވަތަށް ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު އެމެމްބަރުން ތިނަދޫ އަށް ކަމެއް ނުކޮށްދޭތީ ބަދަލުވީ ކަމަށް ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް އައިބީ ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައި، ތެދު ތެދަށް ދަންނަވާނަމަ، އަޅުގަނޑަކީ ވެސް މިކަން ދެނަހުރި މީހެއް. ހަމަ ރިޝްވަތުގެ ލާރި ޕީޕީއެމްގެ މެންބަރުންނަށާއި އަދި މަޖިލިސް ތެރެއަށާ އެކިއެކި ދިމަ ދިމާލަށް .އިދިކޮޅު ފަރާތްތަކުން ހަމަ ރިޝްވަތުގެ ލާރި އެކިގޮތްގޮތުން ހުށަހަޅައިގެން އެ ލާރި ހިފައިގެން ދިޔަ ބޭފުޅުން އެއީ." މެންބަރު އަބުޅޯ އާއި ސައުދުﷲ އިދިކޮޅު ފަރާތްތަކާއި ގުޅުނީ ރިޝްވަތުގެ ފައިސާ ނަންގަވައިގެން ކަމަށް ތުހުމަތު ކުރައްވައި އިބްރާހިމްދީދީ ވިދާޅުވިއެވެ.
ދައުވާ ކުރާނެ ކަން މެމްބަރު އަބުޅޯ ހާމަކޮށްފައިވާއިރު އަދި މެމްބަރު އައިބީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އިދިކޮޅު މެމްބަރުންނަށް އައިބީގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ބައެއް މެމްބަރުން ވަނީ އައިބީ އަކީ މިހާރު ރައީސް ޔާމީންގެ އިތުބާރު ގެއްލިފައިވާ މެމްބަރެއް ކަމަށް ވިދާޅުވެފައެވެ.
ފޭދޫ ދާއިރާގެ ކައުންސިލް އިންތިޚާބުން ޕީޕީއެމް ކެންޑިޑޭޓަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އައިބީއަށް ފޭދޫގެ ބައެއް ޕީޕީއެމް މެމްބަރުންގެ އިތުބާރުވެސް ގެއްލިފައިވާ ކަމަށް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިޔާގައި އަޑު ފެތުރެމުން ދެއެވެ.