Last Updated: June 25, 17:05
Wednesday, June 25, 2025
ޚަބަރު

ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން މައުމޫން އެދިވަޑައިގެންފި

ފޮޓޯ: މިހާރު

ސިއްޙީ ހާލުކޮޅު ހުރިގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ޙާލަތު އިއުލާންކުރުމަށްފަހު، މައުމޫންގެ ގެކޮޅަށް ގަދަބާރުން ވަދެ އެމަނިކުފާނު ހައްޔަރު ކުރިފަހުން މިހާރު ވަނީ ހަ މަސް ދުވަސް ފާއިތުވެފަ އެވެ.

ފުލުހުންގެ ތަހުޤީޤަށް ފޯނު ދޭން އިންކާރުކުރެއްވި މައްސަލާގައި ޤާނޫނު ތަންފީޒް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ ޙުކުމް ތަންފީޒް ކުރައްވަމުން ގެންދަވާއިރު، ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީޢަތް ނިމެންދެން ވަނީ ބަންދު ވެސް ކޮށްފަ އެވެ.

ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް އާއި ހަވާލާދީ "އަވަސް" އިން ރިޕޯޓްކުރާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހު ރައީސް މައުމޫންގެ ހާލުކޮޅު ޑޮކްޓަރަކު ބެއްލެވި ކަމަށާއި އެ ޑޮކްޓަރު ވަނީ ރައީސް މައުމޫން ކަނޑުދަތުރުފަތުރު ނުކުރެއްވުމަށް ލިޔުމުން އަންގަވާފައި ކަމަށެވެ.

ރައީސް މައުމޫނަށް ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީ އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފައެވެ. އެ ބަލީގެ ސަބަބުން ވެއްޓިވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމުން އެމަނިކުފާނު ގިނިކަންޏާ ނުބެހެއްޓުމަށް ޑޮކްޓަރު މީގެ ކުރިން ލަފާދެއްވާފައި ވެއެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ.

ފައިސަލް ވިދާޅުވީ، މާފުށިން މާލެއަށް އަންނަން 40 މިނެޓް ނަގާއިރު ކޯޓުގައި ވެސް ރައީސް މައުމޫން އެތައް އިރެއްވަންދެން އިންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ޝަރީއަތުގައި ވެސް އަދި ޝަރީއަތް ފެށުމުގެ ކުރިން ވެސް އެތައް ވަގުތެއް ހޭދަވާ ކަމަށެވެ.

އެހެންކަމުން ސިއްޙީ ހާލުކޮޅު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އެމަނިކުފާނު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެކަންކަން އެހެން ހުރުމުން ރައީސް މައުމޫން ވަނީ ޤާނޫނު އަސާސީ އިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހާޒިރުގައި ޝަރީއަތް ހިންގުމުގެ ޙައްޤު ދޫކޮށްލައްވަން ނިންމަވާފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ދައްކަވަން ޖެހޭ ހުރިހާ ވާހަކައެއް ދައްކަވާނީ ވަކީލުން ކަމަށް ވެސް ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެ ސިޓީއަށް އަދި ކުރިމިނަލް ކޯޓުން ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.