Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

އައްޑޫގެ ވިޔަފާރި ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ސިޓީގައި ވިޔަފާރި ކުރުމަށްޓަކައި ބިންތައް ކުއްޔަށް ހިފުމަށް ފޯމުހުށަހެޅުމަށް ދީފައިވާ މުއްދަތު ހައުސިންގ މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ބިންތައް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ އިން ބިންތައް ދޫކުރަނީ 4 ޒޯނަކުންނެވެ. އެއީ ބަންދަރު ސަރަޙައްދާއި އީސީސީ ސަރަޙައްދާއި ލިންކްރޯޑް ނުވަތަ ޕްރައިމަރީ މަގުތަކާއި އަދި މީހުންދިރިއުޅޭ ސަރަޙައްދުތަކުންނެވެ.

އެންމެ ގިނަ ބިންތައް ދޫކުރަނީ ފޭދޫ އާއި ހިތަދޫ އިންނެވެ. އެގޮތުން ފޭދޫން 1،000-1،500 އަކަފޫޓާ ދެމެދުގެ 25 ބިން ދޫކުރަން ހަމަޖެހިފައިވެ އެވެ.

ހިތަދޫން 1،800-2،800 އަކަފޫޓާ ދެމެދުގެ 25 ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ އިރު، މަރަދޫ އިން 1،000 އަކަފޫޓުގެ 6 ބިން ދޫކުރާއިރެ އެވެ. އަދި މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ 3،000 އަކަފޫޓޫގެ 6 ބިމެކެވެ.

މަރަދޫފޭދޫން 1،000-1250 އަކަފޫޓުގެ 10 ބިން ދޫކުރާ، އިރު ހުޅުދޫއިން 2،000-3،000 އަކަފޫޓުގެ 7 ބިން ދޫކުރާނެ އެވެ.

މި ބިންތަކަށް ކުރިމަތި ލެވޭނީ އައްޑޫގެ ރައްޔިތުންނަށް އެކަންޏެވެ. އަދި ބިންތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށައަޅާ އަގަށާއި ޕްރޮޕޯސަލްއަށެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގައި ޢިމާރާތް ކުރެވޭނެ ދެ ބުރިއަށެވެ. އަދި މި ބިންތައް ކުއްޔަށް ދޫކުރަނީ 5 އަހަރުގެ މުއްދަތަކަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އައްޑޫ ސިޓީގައި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 14 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ ދަށުން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ އޮފީސްތަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ބިންތަކަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުންނާއި އެ މިނިސްޓްރީގެދަށުން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ އޮފީސްތަކުގެ ކައުންޓަރުން ލިބޭނެ އެވެ. އަދި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން www.housing.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.