Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ވިލާގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި މިސެޕްޓެމްބަރު މަހު ފެށޭ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ އޮގަސްޓް މަހުގެ 12 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ބައިވެރިވާން ބޭނުންވާ ދަރިވަރުން އަވަހަށް ފޯމު ހުށައެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިފަހަރު ވިލާއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓާއި ހެލްތް ސައެންސްގެ އިތުރުން ފައުންޑޭޝަން، ޝަރީއާ ލޯ، އެޑިއުކޭޝަން އަދި މެރިން ސްޓަޑީޒްއާއި ރިސާޗް އެންޑް އިނޮވޭޝަންގެ ކޯސްތައް ހިމެނެއެވެ.

  • ފައުންޑޭޝަން
  • ފައުންޑޭޝަންގެ ސެޓްފިކެޓް 4 ގައި ވިލާ ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކަކީ ޓީޗިން، ލޯ، ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް ޑިވެލްޕްމެންޓް، އައިޓީ، މަލްޓިމީޑިޔާ ޓެކްނޮލޮޖީ، މެރިން ސައިންސް، ޝަރީއާ އަދި އެކައުންޓިންއެވެ.

    މިކޯސްތަކަށް ޝަރުތު ހަމަވާނީ އޯލެވެލް ތިން ފާސް ނުވަތަ މިދާއިރާގެ ކޯހަކުން ސެޓްފިކެޓް ތިނެއް ހާސިލުކޮށްފައިވާ ނަމައެވެ.

    ފައުންޑޭޝަންގެ ސެޓްފިކެޓް 3 ގައި ހިމަނާފައިވާ ކޯސްތަކަކީ ބިޒްނަސް ސްޓަޑީޒް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އައިޓީ، ހޮސްޕިޓަލިޓީ، ކަސްޓަމަރ ކެއާ، މެރިން ސައިންސް، އެކައުންޓިން، އެކުއަޓިކް ރިއެކްޝަން، އިންގްލިޝް ފޯ ސޯޝަލް ކޮމިއުނިިކޭޝަން އަދި ކްރިމިނަލް އިންވެސްޓިގޭޝަންއެވެ.

  • ބިޒްނަސް މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓްގައި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލަންޑްގެ މާސްޓާސް އަދި ޑިގްރީގެ ކޯސްތައް މިފަހަރު އެކުލަވާލާފައިވެއެވެ. އޭގެ ތެރޭގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓާސް އިން އެކައުންޓިން މެނޭޖްމަންޓް ހިމެނެއެވެ. އަދި ބެޗެލާސް ޑިގްރީގެ ކޯސްތަކުގެ ތެރޭގައި އެކައުންޓިން އެންޑް ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިން، ބިޒްނަސް އެންޑް ހިއުމަން ރިސޯސަސް އާއި ބިޒްނަސް އެންޑް އިކޮނޮމިކްސް ހިމެނެއެވެ.

    މީގެ އިތުރުން ވިލާ ކޮލެޖްގެ މާސްޓާސް ކޯހެއް ވެސް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ހުޅުވާލެވިފައިވެއެވެ. އަދި ވިލާ ކޮލެޖް ޑިގްރީއެއް ހިއުމަން ރިސޯސް މެނޭޖްމަންޓް އިން ހުޅުވާލެވިފައިވެއެވެ.

    ޑިޕްލޮމާގެ ކޯސްތަކަށް ވެސް ހުޅުވާލެވިފައިވާއިރު ހިއުމަން ރިސޯސް މެނޭޖްމަންޓް، ދިވެހި، އަދި ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް އިން ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުސަތު ވަނީ ލެވެލް 4 ސެޓްފިކެޓް ހާސިލުކޮށްފައިވާ، ނުވަތަ އޭލެވެލް ދެ ފާސް އޮތް ފަރާތްތަކަށް ހުޅުވާލެވިފައެވެ.