Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

"ރަން އިން އައްޑޫ"ގެ އެކްސްޕޯ މާދަމާ ހަވީރު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ "ރަން އިން އައްޑޫ"ގެ ދުވުންތެރިންނަށް ބާއްވާ އެކްސްޕޯ މާދަމާ ހަވީރު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުމަށް ނިންމައިފިއެވެ.

ޓީއެފްޖީން ބުނީ ދުވުންތެރިންނަށް ކިޓު ހަވާލު ކުރުމަށާއި، ދުވުމާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯ މާދަމާ ހަވީރު 3 އިން އިރު އޮއްސި 6 ޖަހަންދެން ކުރިއަށް ގެންދާނެކަމަށެވެ.

އަދި އެކްސްޕޯ ހުކުރު ހަވީރު 3 އިން ފެށިގެން ދަންވަރު 12 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާނެކަމަށެވެ.

"ރަން އިން އައްޑޫ"ގެ އުމުރުން ދުވަސްވީ މީހުންނަށް ބާއްވާ ހާއްސަ ހިނގާލުން ހުކުރު ދުވަހު ހަވީރު 4:45 ގައި ކައުންސިލް އިދާރާ ކުރިމަތިން ފަަށާނެއެވެ. އަދި ކުޑަކުދިންނަށް ބާއްވާ ކިޑްސް ރަން އޮންނާނީ ހުކުރު ދުވަހު ހަވީރު 5 ޖަހާއިރުއެވެ.

މިފަހަރު "ރަން އިން އައްޑޫ"ގެ ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކުރަން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މެރެތަން (42 ކިލޯމީޓަރު) ރޭސް ފަށާނީ މެންދަމު 2 ޖަހާއިރެވެ. ހާފް މެރެތަން (21 ކިލޯމީޓަރު) ރޭސް ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވޮލަންޓިއަރުންގެ އަގު ވެސް ވަޒަންކުރާނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ކުންފުނިން ދުވުމުގެ އިވެންޓްތައް ބާއްވަން ފެށީ 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގަ އެވެ. އެކަމަކު ރަން އިން މޯލްޑިވްސްގެ ނަމުގެ މި އިވެންޓްތައް މިދިޔަ އަހަރު އަތޮޅުތެރެއަށް ފުޅާކުރި އެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ލ. އަތޮޅުގައި ވެސް ވަނީ ބާއްވާފަ އެވެ.