Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ޖުރިމަނާ ކުރީ އިންތިޚާބުގެ ސައްހަ މައުލޫމާތު ގެނެސްދޭތީ

* ބްރޯޑްކާސްޓިން ކަމިޝަން މަަސައްކަތް ކުރަނީ ވަކި ބައެއްގެ އޯޑަރަށް
* ރާއްޖެ ޓީވީ ބޮޑު އަދަދުން ޖުރިމަނާ ކުރުމަކީ ކަމިޝަނަށް ލިބޭ އުފަލެއް
* މިދިޔަ އަހަރު އެކަނިވެސް ރާއްޖެ ޓީވީން ޖުރިމަނާ ކޮށްގެން ކަމިޝަނަށް 1.7 މިލިއަން ރުފިޔާ ލިބުނު

ރާއްޖެޓީވީ ދެ މިލިއަން ރުފިޔާ އިން ޖުރިމަނާ ކުރީ އެއްވެސް ގާނޫނީ ހުއްޖަތެއް އޮވެގެން ނޫން ކަމަށާއި އެއީ ރިޔާސީ އިންތިޚާބާ ގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތައް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ރާއްޖެޓީވީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެސްޓޭޝަން ނައްތާލުމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް ހަވާލު ވެފައި އޮތް ވާޖިބެއް ކަމަށެވެ. އަދި އެކި ފަހަރު މަތިން އެ ސްޓޭޝަން ބޮޑެތި އަދަދުން ޖުރިމަނާ ކުރުމަކީ ކަމިޝަން މެމްބަރުންގެ ވާޖިބު އަދާ ކުރުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ.

"ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީ އަށް "ހޭ އަރުވާލުމުގެ" މަގްސަދުގައި މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނުގެ ތެރެއިން ލިބި އެކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފައި ވަނިކޮށް، ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ރާއްޖެޓީވީ ބުދަ ދުވަހު ޖުރިމަނާކުރި ކުރުމަކީ މި ސްޓޭޝަން ނައްތާލުމަށް އެ ކޮމިޝަނުން ކުރަމުންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމުގައި ދެކެމެވެ. އަދި އެއީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް ހުރަސް އަޅާ ފޯކަސް ގެއްލުވާލުމަށް، ރަނގަޅަށް ހިސާބު ޖަހާ ބެލުމަށްފަހު، ދިން ބޮޑު އަނިޔާއެއް ކަމަށް ވެސް މި ސްޓޭޝަނުން ދެކެމެެވެ."

ރާއްޖެ ޓީވީން ބުނީ އެ ސްޓޭޝަން ޖުރިމަނާ ކުރީ އެއްވެސް އަސްލެއް އޮވެގެން ނޫންކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ އަބުރު ގެއްލޭ ގޮތަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތެއް ބްރޯޑްކާސްޓިން ކަމިޝަނަށް ސާފުކޮށް ދެވިފައި ނުވާ ކަމަށެވެ.

އެސްޓޭޝަނުން ބުނީ މި އަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން މީހަކު ދެއްކި ވާހަކައެއް ވަގުތުން ރާއްޖެޓީވީން ގެނެސްދިން އިރު އޭނާ ދެއްކި ވާހަކައިގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ވާހަކަތަކެއް ހުރި ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ހުރި ކަމަށް ބުނެ ދެ މިލިއަން ރުފިޔާއިން މި ސްޓޭޝަން ޖޫރިމަނާ ކުރަން ނިންމި ގޮތުގެ ރިޕޯޓު ބެލިއިރު އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

އަދި މި މައްސަލަ ނިންމާފައި ވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން މައްސަލަ ރައްދުވާ ފަރާތަށް ސާފުކޮށްދޭން ޖެހޭ ކަންތައްތައް ސާފުކޮށް ދިނުމެއް ނެތި އެވެ. އަދި ވާހަކަ ދެއްކި ކަމަށް ބުނާ މީހާ އާ ކުޑަ މިނުން ސުވާލެއްވެސް ކޮށްލުމެއް ނެތިއެވެ.

ރާއްޖެ ޓީވީން ބުނީ ތަކުރާރުކޮށް އެދެމުން ދިޔައީ އެ ކޮންޓެންޓުން އަބުރު ގެއްލޭ ގޮތަކާއި ގައުމީ ސަލާމަތަށް ނުރައްކާވި ގޮތެއް ސާފުކޮށް ބުނެ ދިނުމަށެވެ. އަދި މައްސަލައިގައި ޖަވާބު ދާރީ ވުމުގެ ފުރުސަތު ލިބުނު ކަމަށް ވާނީ، އެ ކޮންޓެންޓު ގާނޫނާ ޚިލާފުވާ ގޮތެއް ސާފުކޮށްދީގެން ކަމަށް ބުނަމުން ދަނިކޮށް ބޮޑު ޖުރިމަނާއެއް ކޮށްލީ، ރާއްޖެޓީވީން ގާނޫނާ ޚިލާފު ވި ކަމަށް ކޮމިޝަނަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަން ސާފުކޮށް އެނގެން އޮއްވައެވެ.

މީގެ އިތުރު އިންޓަވިއު ދިން މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތެވެ. އަދި އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތް ކަމަށެވެ.

އެ ސްޓޭޝަނުން ބުނީ މި މައްސަލަ ނިންމީ، ކޮމިޝަންގެ ފަންނީ ބައެއް މުވައްޒަފުން މި މައްސަލައިގައި ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ނުކުރެވޭނެ ކަމަށް ކޮމިޝަނުގެ މެމްބަރުންނަށް ލަފާ ދީފައި ވަނިކޮށް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާކަމަށެވެ.

މިކަންކަން މިހެން ހުރުމުގެ އިތުރުން، ކަނޑައެޅޭ އަދަބު ފުރަތަމަ އެނގެން ޖެހޭނީ އެ އަދަބު ރައްދުވާ ފަރާތަކަށް ކަމަށް ވުމަކީ ޝަރުއީ އަދި ގާނޫނީ އިޖުރާއަތަކަށް ވާއިރު، ޖުރިމަނާ ކުރިކަން ރާއްޖެޓީވީ އަށް އެންގުމުގެ ކުރިން، އެހެން ފަރާތްތައް މެދުވެރިކޮށް އެ ޚަބަރު އަވަސް އަވަހަށް އާއްމު ކުރުމުން އަނިޔާ އެއް ދީގެން އުފާ ހާސިލް ކުރުމަށް ކޮމިޝަނުގެ މެމްބަރުން ކެތްމަދުވެފައި ތިބި މިންވަރު ހާމަވެގެންދާ ކަމަށް ރާއްޖެ ޓީވީ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ސްޓޭޝަނުން ބުނީ ވޭތުވެދިޔަ އަހަރު އެކަނި ވެސް އެސްޓޭޝަން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އެ މައްސަލަތަކަކީ ގާނޫނުއަސީސާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކެއް ކަމަށް ދެއްކޭނެ އެތައް ހެއްކެއް ހުރި ނަމަވެސް ރާއްޖެޓީވީއަށް އެކަންކަމުގައި އިންސާފު ހޯދޭނެ މަގެއް ނެތްކަމަށެވެ. އިސްތިއުނާފަށް ހުށަހެޅި އެއިން އެއްވެސް މައްސަލައެއް ނިމިފައެއްވެސް ނެތެވެ. އިންސާފަށް އެދި ކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހިނގާނެ މަގެއްވެސް ނެތެވެ. އަނިޔާ ތަހައްމަލު ކުރުން ނޫން ގޮތެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.

"ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައެއް މެމްބަރުންނަކީ ސީދާ ވަކި ފަރާތެއްގެ ނުފޫޒުގައި ރާއްޖެޓީވީއަށް ގެއްލުން ދިނުމުގެ މަގްސަދުގައި މަސައްކަތް ކުރާ، އަދި އެފަދަ މެމްބަރުންގެ މަގާމާއި ލިބެމުންދާ ބޮޑެތި އިނާޔަތްތައް ދެމެހެއްޓުމަށް އޮތީ ރާއްޖެ ޓީވީ އަށް އަނިޔާވެރިވުން ކަމަށް ދެކިގެން ސީދާ އޯޑަރަށް މަސައްކަތް ކުރަމުންދާ ބައެކެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެމްބަރުންގެ އަމަލުތައް މިހެން ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި އޮތުމެވެ. ކޮމިޝަން ޖަވާބުދާރީ ކުރެވޭނެ ފަދަ ވެސް މިވަގުތު ރާއްޖޭގައި ނެތްކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ"

ރާއްޖެޓީވީން ބުނީ ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ޓާގެޓް ކޮށްގެން ބްރޯޑްކާސްޓަރުންނށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރުދޭ މުއައްސަސާއެއްކަން ހާމަވާކަމަށެވެ.

ރާއްޖެޓީވީއަކީ ވަސީލަތްތައް މަދު އަދި ފުލުފުލުގައި މިލިއަނުން ޖުރިމަނާ ދެއްކޭނެ ތަނަވަސް ކަމެއް ނެތް ސްޓޭޝަނެއް ކަމުގައި ވިޔަސް، ދިވެހި ގައުމާ ރައްޔިތުންގެ ހައްގުގައި އަދި މި ގައުމުގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި ލިބިދާނެ އަނިޔާއަކަށް ބިރުން ފަސް ޖެހޭނެ ސްޓޭޝަނެއް ނޫންކަމުގެ ޔަގީންކަން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.