Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

"މުއައްސަސާތަަކަށް ނުފޫޒު ފޯރުވަނީ އަޅުގަނޑެއް ނޫން"

މުވައްސަސާތަކަށް ނުފޫޒު ފޯރުވައި ކަންކަން ކުރައްވަން އުޅުއްވީ އެމަނިކުފާން ނޫން ކަމަށާއި އެކަން ކުރެއްވީ އިދިކޮޅުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީ މަގު ހެދުމާއި ހައުސިން ޔުނިޓު ނިންމުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކި މުވައްސަސާތަކަށް އެމަނިކުފާން ނުފޫޒު ފޯރުވާކަމަށް ވާހަކަ ދައްކަވާ ކަމަށާއި ނަމަވެސް އެކަން ކުރައްވާ ބޭފުޅުން މިއަދު ތިއްބެވީ "އެއް އޮޑި" އެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ މުވައްސަސާތަކަށް ނުފޫޒު ފޯރުވީ ކޮންބައެއްްކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޔާމީންކަމަށާއި، އޭރުގެ އިލެކްޝަން ކަމިޝަންގެ ރައީސް ފުވާދު ތައުފީގުގެ ގެއަށް ވަދެ "ހިސޯރު" ކޮށްގެން ތިބީ ކޮންބައެއްތޯ އާއި އެގެޔަށް ބަޔަކު ވަނީ ކީއްވެގެން ތޯ ސުވާލު ކުރެއްވި އެވެ.

"ކޮންބޭފުޅަކުތޯ އޭރު އެގެއިން އީސީގެ ރައީސްް ފުވާދުގެ ގެެއަށް ވަދެގެން އުޅުނީ؟ އިންތިހާބުގެ ދުވަސްވަރުގައި ކީއްކުރަންތޯ އީސީގެ ރައީސްގެ ގެއަށް ދާންވީ؟"

ޖޭއެސްސީގެ މެމްބަރުން ހުވާ ކުރުމަށް ބޭއްވި ހަފްލާގައި ހުވާ ކުރިޔަ ނުދީ ހިފެއްޓޯ ކޮން ބައެއްތޯވެސް ރައީސް ސުވާލު އުފެއްދެވިއެވެ. އަދި ކުރީގެ ޕީޖީ މުހުްތާޒު ކޯޓު އަމުރެއް ނެރެގެން އެމަނިކުފާން ހައްޔަރު ކުރުމަށް ކުރި މަސައްކަތަކީވެސް ނުފޫޒު ފޯރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަ ދެކޮޅަށް ދެކޮޅަށް ހިނގަމުން މިދަނީ، އެ ބޭފުޅުން ހުވާ ލައިދިނުމުގެ ރަސްމިއްޔާތު ބަރުބާދުކޮށްލުމަށްޓަކައި. ވަކި ބަޔަކު ހުވާކުރިޔަ ނުދޭން މިކަންކަން ކުރީ. ކޮންބައެއްބާ ނުފޫޒު ފޯރުވީ. ކީއްވެތޯ ޖޭއެސްސީގެ ޖަލްސާގައި އެހާ ހަޑިކޮށް އެކަންތައް ހިނގައި ދިޔައީ، އެ ބޭފުޅުން ޖަވާބު ދެއްވަންވީ ނޫންތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި ގުޅޭ ގޮތް ނުވި ކަމަށާއި، އެމަނިކުފާން ފޯނު ނުނަންގަވާތީ މުއާމަލާ ކުރަން ޖެހުނީ ކޯޓު އޮފިސަރެއް މެދުވެރިކޮށް ކަމަށެވެ. އަދި އެހުކުން ނެރުމުން މަންފާ ކުރީ އެމަނިކުފާނަށް ނޫން ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ފަރާތަށް ނުފޫޒު ފޯރުވީ ކޮންބައެއްތޯ ސުވާލު އުފެއްދެވިއެވެ.

ރައީސް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް އިދިކޮޅުން ދައްކާ ވާހަކައަކީ ހަގީގަތެއް އޮތް ވާހަކައެއްް ނޫންކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ވޯޓު ލެވޭނެ ގޮތް ހޯދައިދޭން ޖެހޭ ކަމަށެވެ.