Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މިހާ އަނިޔާވެރި ސަރުކާރެއް ނާދޭ: ތަޒްމީލް

މި ގައުމުގެ ހަޔާތުގައި ވެސް މިހާ އަނިޔާވެރި ސަރުކާރެއް ނާންނަ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް ޢަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަޒްމީލް ވަނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑު ފާޑު ވިދާޅުވެފައެވެ. ރައީސް ޢަބްދުﷲ ޔާމީނާއިއެކު ޑރ. ޝަހީމް އަލީ ސައީދަށްވުރެ މަތީ އިލްމުވެރިޔަކު ހުއްޓަސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިކުރައްވާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް އިޝާރާތް ކުރައްވާ ތަޒްމީލް ވިދާޅުވީ މި ގައުމުގައި މިހާރު މިއޮތް ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. މި ސަރުކާރު ބަދަލު ކުރުމަށް ނިކުމެ ހުންނެވީ ވަރަށް ކެރިގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި އަނިޔާވެރިކަން ބަދަލު ކުރަން ފަސް ނުޖެހޭނެ ކަމަށް ވެސް ތަޒްމީލް ވަނީ ވިދާޅުވެފައެެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވީ އެމަނިކުފާނުގެ ފޯނު ތަހުގީގަށް ނުދެއްވުމުން ކަމުގައި ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަށް ބައްލަވާލައްވާ އެހެން ވިދާޅުވުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށް ރޭގެ ޖަލްސާގައި ތަޒްމީލް ވަނީ ވިދާޅުވެފައެވެ.

އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަމިއްލަ ފުޅު ގޭގައި ހުންނަވަނިކޮށް، އެގޭގެ ދޮރުވައްޓާލައި އޭނާ ހައްޔަރުކޮށްގެން އެ ގެންގުޅުއްވަނީ މިސަރުކާރުގެ އަނިޔާވެރި ކަމުން ކަމަށާއި އޭގެއިން ވެސް އެނގިގެން މިދަނީ އެއްވެސް ރައްޔިތަކަށް މިސަރުކާރުގައި ރައްކާތެރި ކަމާއި މިނިވަންކަން ނެތް މިންވަރު ކަމަށްވެސް ތަޒްމީލް ވިދާޅުވި އެވެ.

ރައީސް ޔާމިން މޮޅުވެގެން މިގައުމުގައި ކުރި ހަމައެކަނި ކަމަކީ ވައްކަމާއި މީހުންނަށް އަނިޔާވެރިވުން ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ލާ ވޯޓުން ރައީސް ޔާމިން ބޮޑުތަކުން ބަލިކުރަން ގައުމުގެ ކުދި ބޮޑު އެންމެން ވޯޓްލާން ނިންކުންނާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.