Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ރައީސް ފައިސާ ހޯދާ ގޮތެއް ބުނެ ދިނުން ލާޒިމް: ސުއޫދު

ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު، ފޮޓޯ: އަވަސް

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއްޔެ ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ފައިސާ ހޯދާ ގޮތެއް ރައްޔިތުން ނުބަލާ ކަމަށާއި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވުމުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު، ހުސްނުއްސުއޫދު ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.

ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ރައީސް ފައިސާ ހޯދާ ގޮތް ބުނެދިނުމަކީ ރައީސްގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކަމަށެވެ. އަދި ފައިސާ ހޯދާ ގޮތް ބުނެދޭން ޖެހޭ ދުވަސް ކައިރި ވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކޮލަމާފުށި ރައްޔިތުންނަށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ފައިސާ ހޯދާ ގޮތެއް ރައްޔިތުންނަށް މުހިންމެއް ނޫން ކަމަށެެވެ. ރައްޔިތުން އެދެނީ ތަރައްގީ ކަމަށާއި، އެ ތަރައްގީ ރައީސް ޔާމީން ގެނެސްދެއްވާ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ނުފުދިފައި ހުރި ކަންކަން ފުއްދައި ދިނުން. އެކަންކަން ރައީސް ޔާމީން ފުއްދައި ދެނީ ކިހިނެއްތޯ، އެ ސުވާލެއް ނުކުރާނެ. އެއީ މިހާރު ހިނގަމުންދާ ކަންކަން، ރައްޔިތުން ރައީސް ޔާމީނަށް އިތުބާރު ކުރާތީވެ. ރައީސް ޔާމީން ކަންތައްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުން އިތުބާރު އެބަކުރޭ."

ރައީސް ޔާމީން ވަނީ އިއްޔެގެ ޖަލްސާގައި އެމަނިކުފާނު ލޯނު ނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދާތީ އިދިކޮޅުން ފާޑުކިޔާތީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އިދިކޮޅު ފަރާތްތަކުން ވާ ވައުދުތަކުގެ ތެރޭގައި ލޯނު ނަގައިގެން ކުރެވޭނެ ކަންތައް ހުރުމުން ރައީސް ޔާމީން ވަނީ އެބޭފުޅުން ދައްކަވަނީ ހުސް ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

އަދި މަޝްރޫއުތައް އަގުބޮޑު ވެގެންދަނީ އަވަހަށް މަޝްރޫއުތައް ނިންމަން އެމަނިކުފާނު ބޭނުންވާތީ ކަމަށް ވެސް އިއްޔެ ރައީސް ޔާމީން ވަނީ ކޮލަމާފުށީ ގައި ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އެއަށް އަސްލު ދާނެ އަގަށް ވުރެ ބޮޑު އަގުގައި ކުރަމުންދާ ކަންކަން ކަމަށް ބުނެ ފާޑުކިޔާފައެވެ.