ކުޅިވަރު

ޔުނައިޓެޑްގެ ސަޕޯޓަރުން ރުޅި ގަދަވެފައި

އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ކުލަބު، މެންޗެސްޓާ ޔުނައިޓެޑުގެ ސްކޮޑު ވަރުގަދަ ކުރުމަށް އާ ކުޅުންތެރިޔަކު ކުލަބަށް ނުގެންނާތީ ސަޕޯޓަރުން ރުޅިގަދަވެ، ކޯޗު މޮރީނިއޯ އަދި ސީއީއޯ އެޑް ވުޑްވާޑްއަށް ފާޑުކިޔަން ފަށައިފިއެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށް ސަޕޯޓަރުން ވުޑްވާޑާއި މޮރީނިއޯއަށް ފާޑުކިޔަމުން އަންނަނީ ޔުނައިޓެޑު ނޫން ބޮޑެތި ކުލަބުތަކުން މި ޓްރާންސްފާ ވިންޑޯގައި ބޮޑެތި ހޭދަތައް ކޮށް، މުހިންމު ކުޅުންތެރިން ކުލަބަށް ގެންނަމުން އަންނާތީއެވެ.

ޔުނައިޓެޑުން ވޯލްޑް ކަޕުގެ ކުރިން ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް، ޝާކްތާރު ޑޮނެސްކުން ކުލަބަށް ގެނެސްފައިވާއިރު ޑިއޯގޯ ޑެލޮޓް ވަނީ ޕޯޓޯ އިން ގެނެސްފައެވެ. ނަމަވެސް ޑިފެންޑަރަކާއި ފުލްބެކެއް އަދި ކަނާތު ފަޅިން ފޯވާޑަށް ކުޅޭ ކުޅުންތެރިޔެއް މުހިންމު ކަމަށާއި ކުޅުންތެރިން ނެތި އަންނަ ސީޒަނުގައި ވެސް ޔުނައިޓެޑަށް ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ދިމާވި މައްސަލަތައް ދިމާވާނެ ކަމަށް ފުޓުބޯޅައިގެ މާހިރުން ދެކެއެވެ.

ޓްރާންސްފާ ވިންޑޯގެ ނިމެން ގަޑިއިރުތަކަކަށް ވެފައިވާއިރު ޔުނައިޓެޑުން ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް އަދި ލެސްޓާގެ ހެރީ މެގުއަޔާ ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ދެ ކުލަބުން ވެސް ކިޔާ އަގު މާ ބޮޑު ކަމަށް ބުނެ ޔުނައިޓެޑޫން ވަނީ އެއަގު ދީފައި ގަތުމަށް ދެކޮޅު ހަދާފައެވެ.