ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.
މިއަދު މެންދުރު 13:30 އަށް ތާވަލުކުރި މި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައުމޫންގެ ސިއްހީ ހާލުކޮޅު ދަށްވުމުގެ ސަބަބުން ކޯޓަށް ވަޑައިގެންނެވުމަށް ދަތިވާތީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި އަޑުއެހުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.
މިމައްސަލައިގެ މީގެ ކުރިން ވަނީ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައެވެ. އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމަވާފައެވެ. މިއަދުގެ އަޑުއެހުމުގައި އޮންނާނީ ދިފާއީ ހުށައެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.
ރައީސް މައުމޫން އުމުރުފުޅުން ދުވަސްވެފައިވާ ހާލު ޖަލު ގޮޅީގައި ސާބިތުނުހިފޭ ކަމެއްގައި ބާއްވާފައި އޮތްއިރު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފޯނު ތަހުގީގަށް ދެއްވި ނަމަ ޖަލުގައި އޮންނާން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.