ސަރުކާރު މުވައްޒަފުން ރީ ރަޖިސްޓާ ކުރުމުގައި ގާނޫނާއި ގަވައިދުތަކާ ހިލާފު ނުވާނަމަ ވަޒީފާގެ ރައްކާތެރިކަން ދޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
މިކަން ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވަނީ، ސަރުކާރު މުވައްޒަފުންނަށް މަޖުބޫރު ކޮށްގެންނާއި ބިރު ދައްކައިގެން ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރުވަމުންދާ ކަމަށް ބުނެ ސީއެސްސީއަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މިއަދު އެ ކޮމިޝަނުން ނެރުން ބަޔާނެއްގައެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރު މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ފާހަގަކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަމުގައި ބައިވެރުވުމުގައި ސަރުކާރު އެންމެހާ މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެ ބަޔާނުގައި ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ. އަދި އެގޮތަށް އަމަލު ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ވަޒީފާގެ ރައްކާތެރިކަން އެ ކޮމިޝަނުން ކަށަވަރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ސަރުކާރު މުވައްޒަފުން ކޮށްގެން ނުވާނެ ކަމަށް ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ބުނާ ހަތަރު ކަމެއްވެއެވެ.
އެއަށް ބަލާލާއިރު ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ މަސައްކަތެއްގައި ބައިވެރި ވެގެން ނުވާނެއެވެ.
މުވައްޒަފުންގެ މަގާމުގެ މައްސޫލިއްޔަަތު އަދާ ކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ މުވައްޒަފުންގެ ވާޖިބުތަކާއި މައްސޫލިއްޔަތުތަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
މުވައްޒަފުންގެ މަގާމްގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވާނެއެވެ.
މުވައްޒަފުން މަގާމުގެ މައްސޫލއްިޔަތު އަދާ ކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެއެވެ.
ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ މުވައްޒަފުންގެ ރަސްމީ ގަޑިތަކުން ވީއްލުމަށް ފަހު ރީ ރަޖިސްޓްރޭޝަން މަސައްކަތް ކުރުވާ މައްސަލާގައި ސަރުކާރަށާއި ސީއެސްސީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި އެކަން ކުރަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ސަރުކާރުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުތައް ދަނީ ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ކުރާ މި ތުހުމަތަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން އިންކާރެއް ނުކުރެ އެވެ. އެ ޕާޓީން ބުނާ ގޮތުން ރީ ރަޖިސްޓާ ކުރުމަކީ ސިޔާސީ މަސައްކަތެއް ނޫނެވެ. އެކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރެވޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ. އެ މައްސަލައަށް އިޝާރަތް ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެސް އިއްޔެ ވިދާޅުވީ އެކަމުގައި އެއްވެސް ނޭދެވޭ ނުފޫޒެއް ސަރުކާރުން ފޯރުވަމުން ނުދާ ކަމަށެވެ. އަދި މީހުން ރީ ރަޖިސްޓްރީކުރުމަށް ސަރުކާރުން ބާރު އަޅަންޖެހޭ ކަމަށާއި އެއީ ޖާއިޒު ނުފޫޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ތުހުމަތުގެ އިނގިލިތައް ސަރުކާރަށާއި ޕީޕީއެމަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރީ ރަޖިސްޓާ ފޯމްތައް އެންޓާ ކުރަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އެމަނިކުފާނަށް ދަންނަވާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.