ކުޅިވަރު

ހިމްނާ އޭޝިއަން ގޭމްސްގައި ވެސް ވާދަ ކުރަނީ

އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަ ކުރާ 4 ދުވުންތެރިންގެ ޓީމްގައި އައްޑޫ ސިޓީ ހިތަދޫ، އައްޑޫ ހައި ސްކޫލްގެ ދަރިވަރު އައިޝަތު ހިމްނާ ހަސަން ހިމެނިއްޖެއެވެ.

މި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިއަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު އެވެ. މީގެއިތުރުން އުއްމީދީ ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ އައިޝަތު ހިމްނާ ހަސަން އާއި އައިމިނަތު ޖާއިޝާ ޖުނީޒާއި މެރެތަން ދުވުންތެރިއާ މުހައްމަދު ޝިފާޒް ހިމެނެއެވެ.

ހިމްނާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 400 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ޔޫތު ރެކޯޑް އާކޮށްފައެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ 400 މީޓަރު ދުވުމުގެ އަންހެން ރެކޯޑް އޭނާ ވަނީ ހަދާފައެވެ. މިއަހަރު ޖަޕާނުގައި ބޭއްވުނު ޔޫތް އޮލިމްޕިކް ކޮލިފިކޭޝަން، އަދި ފިންލޭންޑްގައި ބޭއްވުނު ވޯލްޑް އަންޑަރ 20 އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ހިމްނާ ވަނީ ބައިވެރިވެ ކުރިއެރުންތައް ހޯދާފައެވެ.

ހިމްނާއަކީ އެތްލެޓިކްސް މުބާރާތް ތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ދުވުންތެރިއެކެވެ. މިދިޔަ ޖުލައި މަހުގެ 23ން 26 އަށް ފުވައްމުލަކުގައި ބޭއްވުނު އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ހިމްނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހާސިލް ކޮށްފައެވެ. އަދި އެ 3 އިވެންޓުންވެސް މީޓް ރެކޯޑް އާ ކޮށްފައެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓްގެ މަޤާމް ވެސް ހިމްނާ ވަނީ ހާސިލް ކޮށްފައެވެ. ހިމްނާ މިހާރު ތައްޔާރުވަމުން ދަނީ މި ހިނގާ އޮގަސްޓް މަހުގެ 13ން 16 އަށް މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް އަށެވެ.